ފުވައްމުލަކު ހޮސްޕިޓަލުން ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ކޮންސަލްޓޭޝަން ހެދުމުގެ ފުރުސަތު ފުވައްމުލަކު ސިޓީ ހޮސްޕިޓަލުން ފަހިކޮށްދީފިއެވެ.
ސަންގު ޓީވީއަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ސިޓީގެ ހެލްތު ސާވިސަސް މެނޭޖަރ އަހުމަދު ސައީދު ވިދާޅުވީ ފުވައްމުލަކު ސިޓީގައި ހުރެގެން އޮންލައިން ކޮންސަލްޓޭޝަން ހައްދާފައިވަނީ އަމްރިތާ ހޮސްޕިޓަލުގެ ކެންސަރަށް ފަރުވާދޭ ޑިޕާޓްމަންޓްގެ ޚާއްސަ ޑޮކްޓަރަކަށް ކަމަށެވެ. މިއީ ފުވައްމުލަކު ހޮސްޕިޓަލުގެ ތާރީޚުގައި އެހެން ހޮސްޕިޓަލެއްގެ ޚާއްސަ ޑޮކްޓަރަކާއި އޮންލައިން ކޮންސަލްޓޭޝަން ހެދި ފުރަތަމަ ފަހަރެވެ.
ސައީދު ވިދާޅުވީ ފުވައްމުލަކު ހޮސްޕިޓަލުން މި ޚިދުމަތް ފެށުމުގައި އިންޑިއާގެ ބޮޑު ހޮސްޕިޓަލަކާއެކު ފެށުން އެއީ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ލިބުނު ޚާއްސަ ފަހުރެއް ކަމަށެވެ.
މި ޚިދުމަތުގެ ސަބަބުން ބޮޑެތި ބަލިތަކުގައި ފަރުވާ ހޯއްދަވާ ބޭފުޅުންނަށް ދޭތެރެދޭތެރެއިން ދަތުރު ކުރުމުގެ ބަދަލުގައި ފަރުވާ ހޯއްދަވާ ޑޮކްޓަރާ ފުވައްމުލަކުގައި ތިއްބަވައިގެން ބައްދަލުވެވޭ ގޮތްވުމާއި އެ ފަރާތުން ކުރަންޖެހޭ ޚަރަދު ކުޑަވެ އެތައްގޮތަކުން ލުއިފަސޭކަން ލިބޭނެކަމަށް ސައީދު ވިދާޅުވިއެވެ.
މީގެ އިތުރަށް ކުރިމަގުގައިވެސް، ރާއްޖެއާއި ބޭރުގެ ބޮޑެތި އެހެން ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއެކު ކޮންސަލްޓޭޝަން ހެދުމުގެ ފުރުސަތު ހޯދައި ދިނުމަށް ހޮސްޕިޓަލުން މަސައްކަތް ކުރާނެކަމަށް ސައީދު ވިދާޅުވިއެވެ.

