ފުލުހުންތަކެއްގެ ގަޔަށް ހައްޕުޑު ޖެހި ކަމަށް ދައްކަންވެގެން އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ލައްވާ ކިތަންމެ މަސައްކަތެއް ކުރިއަސް ދިވެހިންނަކީ އެހާ ”ބޯ ގަމާރު ބައެއް“ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ހީކޮށްގެން ނުވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ސުޖާއު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޖާއު ވިދާޅުވީ މާލޭގައި ކުރިއަށް ދިޔަ މުޒާހަރާއެއްގެ ތެރެއިން ފުލުހެއްގެ ގަޔަށް ކުޅު ޖަހާއިރު، އެކަންކުރި މީހަކު ވަގުތުން ހައްޔަރުކޮށްފައިނުވާތީ އެތައް ސުވާލެއް އުފެދޭ ކަމަށެވެ.
ސުޖާއު ވިދާޅުވީ ފުލުހެއްގެ ކުރިމަތީގައި ހުރެ ހައްޕުޑު ވިޔަސް ކުޅުޖެހިޔަސް ހައްޔަރު ނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ. އަދި އެވާހަކަ ސީޕީ ޓްވީޓު ކުރެއްވުމުން ސިފަވަނީ ފުލުހުންގެ ނާޤާބިލުކަން ދެއްކުމަށް ސީޕީ ހަމީދު މަސައްކަތް ކުރެއްވުން ކަމަށް ސުޖާއު ވިދާޅުވިއެވެ.
ސީޕީގެ ވާހަކަތަކުން ދޭހަވަނީ ކަމެއް ހިނގަމުންދިޔަ ތަނެއްގައި ހުރި ފުލުހެއްގެ ގަޔަށް ކުރިމަތިން އައި މީހަކު ހައްޕުޑު ޖެހުމުން އެއީ ކާކުކަން އެނގިހުރެ ވެސް ހައްޔަރު ނުކުރެވުމަކީ އެ ފުލުސް މީހާގެ ނާޤާބީލުކަން ދެއްކުމަށް ކުރި ފުރައްސާއެއްގެ ގޮތުގައި ކަމަށް ސުޖާއު ވިދާޅުވިއެވެ.
”ކޮމިޝަނަރ އޮފް ޕޮލިސް މިކަހަލަ ޓްވީޓް ކުރައްވާއިރުގައި އެބަޖެހޭ ފުލުހުންގެ އަގު ނުވެއްޓޭ ގޮތަށް މިކަން ކުރަން، އެމަނިކުފާނުގެ ޓްވީޓުން އަޅުގަނޑުމެންނަށް ދޭހަވީ ފުލުހުންނަކީ އެއްވެސް ޕްރޮފެޝަނަލް ބައެއް ނޫންކަން، އެމަނިކުފާނުގެ ޓްވީޓުން އެ ވިދާޅުވަނީ ކުރިމަތީގައި ހުރެ ކުޅުޖަހާ މީހާ ފުލުހުންނަށް ހައްޔަރު ނުކުރެވެއޭ“ ސުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން ސުޖާއު ވިދާޅުވީ ފުލުހެއްގެ ގަޔަށް ހައްޕުޑު ޖެހުމަކީ ބޮޑު ކަމެއް ކަމަށާއި އެކަންކަން ބަލަންޖެހޭނެ ކަމަށެވެ. އަދި މިހާރު ހުންނެވި ސީޕީއަށް އެކަން ނުވެއްޖެނަމަ، އެމައްސަލަވެސް ބަލާނެ ދުވަހެއް އަންނާނެ ކަމަށް ސުޖާއު ވިދާޅުވިއެވެ.
ފުލުހުންތަކެއް ގަޔަށް ކުޅާއި ހައްޕުޑު ޖެހުމަކީ ކާކު އަޑީގައި ހުރެގެން ޖެއްސި ”ސްޓަންޓެއްތޯ“ ބެލޭނެ ދުވަސްވެސް އަންނާނެ ކަމަށް ސުޖާއު ވިދާޅުވިއެވެ.
ސުޖާއު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވެރިކަން ވައްޓާލަން އުޅޭ ކަމަށް އެމްޑީޕީގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާއަށް ހީފުޅުވެދާނެ ކަމަށެވެ. ނަމަވެސް ރައްޔިތުންނާއެކު އިދިކޮޅު ފަރާތްތަކުން ވަކާލާތު ކުރަނީ ޙައްޤުތަކެއް ގެއްލެމުންދާތީ އެ ހައްގުތައް ހޯދުމަށް ކަމަށްވެސް ސުޖާއު ވިދާޅުވިއެވެ.

