ވާދަވެރި ސިޔާސީ ޕާޓީތަކުގެ ތެރެއިން އިދިކޮޅު ލީޑަރު ހުންނަވާ ތަނަށް ވުރެ، އެ ލީޑަރު ކަނޑައެޅޭ ގޮތް އެނގުން މުހިންމުކަމަށް މި ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނާއި މުހާތަބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅުގައި ވަނީ، ގައުމަށް ހަމަޖެހުން އޮތީ އެންމެން އެކީ ގުޅިގެން ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރުން ކަމުގައި ވާއިރު، ވާދަވެރި ސިޔާސީ ޕާޓީތަކުން އެކުގައި މަސައްކަތް ކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
ރައީސް ސޯލިހްގެ އެ ގޮވާލެއްވުމަށް ރައީސް ނަޝީދު ވަނީ މަރުހަބާ ދަންނަވާ ތާއީދު ކުރައްވާފައެވެ. އެހެން ނަމަވެސް މަރުހަބާ ދަންނަވާ ވެސް ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވަނީ އިދިކޮޅު ލީޑަރަކީ ކޮބައިކަން ސާފު ނުވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.
އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިދިކޮޅުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ނުކުރަނީސް މަޝްވަރާއެއްގެ މޭޒަށް އައިސްދާނެތޯ ސަންގުއިން ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ މަޝްވަރާކޮށްގެން ކުރިޔަށް ދެވޭނެކަމަށް ގަބޫލު ކުރާ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ވިދާޅުވީ އިހުލާސްތެރި ލީޑަރަކީ ކޮބައިކަން ސާފުވާން ޖެހޭ ކަމަށެވެ.
ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި، އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެފައިވަނީ ސަރުކާރު ހިންގަވަން ހުރީ ކޮން ބޭފުޅެއްކަން އޮޅިއްޖެ ކަމަށެވެ. އަދި މަޝްވަރާއަށް ދާންވީ ކޮން ރައީސެއްގެ އަރިހަށްކަން ވެސް ސާފު ނުވި ކަމަށެވެ.
https://twitter.com/MohamedNasheed/status/1288772785536286720
ރައީސް ނަޝީދު ދެއްކެވި ވާހަކަތައް އަނެއްކާވެސް އަލުން ތަކުރާރު ކުރައްވާ މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިހުލާސްތެރި ވާދަވެރި ލީޑަރެއް ކަނަޑައެޅުމަކީ ވާދަވެރިންގެ ކަމެއް ކަމަށެވެ. ވާދަވެރިންނަކީ ކޮބައިކަން، ވާދަވެރިންނަށް ވެސް އެނގި އެ ވާދަވެރިންގެ ތެރެއިން ލީޑާރ އެއް ކަނޑައެޅޭ ގޮތް ރައްޔިތުންނަށް ސާފުން ބޭނުންތެރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ލީޑަރު ހުންނަވާ ތަނަށްވުރެ، ލީޑަރު ކަނޑައެޅޭ ގޮތް އެނގުން މާ މުހިންމު ކަމަށެވެ.

