ސިޔާސީ ވާދަވެރި ޕާޓީތަކުން މަޝްވަރާ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދައުވަތު ދެއްވާފައިވީ ނަމަވެސް، އިދިކޮޅުން މަޝްވަރާ ކުރަންވީ ކޮން ރައީސަކާ ކަން އޮޅޭ ހިސާބަށް ގޮސްފައިވާކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ވާދަވަރި ސިޔާސީ ޕާޓީތަކެއް ގާއިމްކުރުމަށްޓަކާ، ސުލްހަވެރި މުޖްތަމައުއެއް ބޭނުންވާނެ ކަމަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު ވަނީ ވާދަވެރި ފަރާތްތަކުން މަޝްވަރާކޮށް އެކުގައި މަސައްކަތް ކުރުމަށް ދައުވަތު އަރުއްވާފައެވެ.
ރައީސް ސޯލިހް ވަނީ ސިޔާސީ ވާދަވެރިކަމުގެ ސަބަބުން ބައިބައިވުން އުފެދުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން ފާހަގަ ކުރައްވާފައެވެ. އަދި ގައުމުގެ މަސްލަހަތު ހިމެނޭ ކޮންމެ ކަމެއްގައި އެކުގައި މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
އެކަމާއި ގުޅިގެން، އިދިކޮޅުން އެންމެ ފުރަތަމަ ބުނެފައިވަނީ މަޝްވަރާއަށް ދައުވަތު ދިނުމުގެ ނިޔަތާއި މެދު ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން، ޕީއެންސީގެ ނައިބް ރައީސް އަހުމަދު ޝުޖާއު ވިދާޅުވީ އިދިކޮޅު ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްކަމާއި މެދު އެއްވެސް ސުވާލެއް ނެތް ކަމަށެވެ. ޝުޖާއު ވަނީ ރައީސް ނަޝީދު އިދިކޮޅު ލީޑަރާއި ގުޅުވާ ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވާ މަޝްވަރާއަށް ދާނަމަ، އެއް މޭޒެއްގައި ހުންނަނީ ކޮން ރައީސަކާއި މެދު ސުވާލު އުފެދިއްޖެ ކަމަށެވެ.
ރައީސް ނަޝީދު ވެސް ވަނީ ރައީސްގެ ގޮވާލުމަށް މަރުހަބާ ދަންނަވާފައެވެ. އެހެން ނަމަވެސް ވަނީ، އިދިކޮޅުގެ އިހުލާސްތެރި ލީޑަރަކީ ކޮބައިކަން ސާފުވާންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު އިދިކޮޅު ލީޑަރަކީ ކޮންބޭފުޅެއްކަން އަންގަން ޖެހޭކަމަށް ވިދާޅުވެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވާހަކަ ދެއްކެވިއެވެ.
https://twitter.com/shuja3831/status/1288706392614821891
އިދިކޮޅު ޕީޕީއެމް، ޕީއެންސީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ގައުމުގައި ހިނގަމުންދާ ކަންތަކަށް ނުހަނު ކަންބޮޑުވާ ކަމަށެވެ. އަދި އިދިކޮޅުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ބޭނުންވެ، ރައީސް ސޯލިހާއި ބައްދަލު ކުރެއްވުމަށް އެޕޮއިންޓެމްންޓަކަށް އެދި ހުށަހަޅާފައިވާތާ ތިން މަސް ދުވަސް ވެއްޖެ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އޭގެއިން އެއްވެސް ހުށަހެޅުމަކަށް ޖަވާބެއް ލިބިފައިނުވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވެފައިވަނީ، ކޮވިޑުގެ ތެރެއިން ގައުމުގެ އިގްތިސޯދު ވަރަށް ބޮޑަށް ހީނަރުވެފައިވާއިރު މި ސަރުކާރަށް އާމްދަނީ ހޯދޭނެ ގޮތްތައް ނޭނގޭ ކަމަށެވެ. އަދި ގައުމުގެ މިނިވަންކަން ނެތެމުންދާއިރު، ސަރުކާރުން ރައްޔިތުންގެ އަޑުއަހާ ގައުމު ސަލާމާތް ކުރުމަށް އެއްވެސް މަސައްކަތެއް ވެސް ނުކުރާ ކަމަށެވެ.
ޝިޔާމް ވިދާޅުވެފައިވަނީ، ރައީސްއާއި ބައްދަލުވެ ވާހަކަ ދައްކަން ބޭނުންފުޅުވަނީ ސީދާ ލޯ ކުރިމަތިން ހިނގާ ކަންތަކަސް ކަމަށެވެ. އޭގެ ތެރޭގައި ބޭރުގެ އެހީތައް ލިބޭ ކޮންމެ ފަހަރަކު ގައުމުގެ މިނިވަންކަމަށް ބުރުއަރާފަދަ ކޮންމެވެސް ކަމެއް ހިނގާކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އެސްއެމްއެސް ފޮނުވައިގެންނާއި، ފޯނުކޮށްގެން، އަދި އީމެއިލް ފޮނުވައިގެން ވެސް ރައީސާއި ބައްދަލުވޭތޯ މަސައްކަތް ކުރި ކަމަށެވެ. ތިން މަހަށް ވުރެ ގިނަ ދުވަސްވީ ފަހުން، ރައީސް ސޯލިހް މިނިވަން ދުވަހުގެ ހިތޯބެއްގައި އިދިކޮޅަށް މަޝްވަރާގެ މޭޒަށް އައުމަށް ދައުވަތު ދިނީތީ އުފާ ކުރާކަމަށް ޝިޔާމް ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަން ކަމަށް 55 އަހަރު ފުރުމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތު ވިޔަސް، ގައުމުގެ އެންމެ މަތީ މަސްލަހަތާ ގުޅޭގޮތުން އެންމެން އެއްބަސް ވާންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ.

