ލޮކްޑައުންގެ ލުއިތަކެއް ދިންފަހުން ރާއްޖެއިން ފެންނަ ކޮވިޑުގެ ކޭސްތައް ވަރަށް ބޮޑުތަނުން އިތުރުވާން ފަށާފައިވާއިރު މިއަދު ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 152 އަށް އަރާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.
ދަރުބާރުގޭގައި އޮންލައިންކޮށް ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓު ކުރުމުގެ ގޮތުން 1400 ސާމްޕަލް ނެގިފައިވާ ކަމަށެވެ. އަދި އިއްޔެގެ އިރުއޮސުމުން ފެށިގެން މިއަދާއިހަމަށް ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދަކީ 152 ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ މިއީ، މިފަހުން އެންމެ ގިނަ ކޭސް ފެނުނު ދުވަސް ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިއަދު ފެނިފައިވާ ކޭސްތަކުގެ ތެރެއިން، 10 ކޭސްފިޔަފާ އެހެން ހުރިހާ ކޭސްއެއް ވެސް ފެނިފައިވަނީ މާލެއިން ކަމަށެވެ. އެގޮތުން މާލެއިން 142 މީހަކު ކޮވިޑަށް ޕޮޒިޓިވްވީއިރު، އޭގެ ތެރޭގައި ހިމެނޭ 89 މީހުންނަކީ ދިވެހިން ކަމަށެވެ. އަދި 54 މީހުންނަކީ ބަންގްލަދޭޝްގެ މީހުންނެވެ. އަދި އިންޑިއާގެ 05 މީހަކާއި، ސްރީލަންކާގެ 04 މީހެއް މީގެ ތެރޭގައި ހިމެނެއެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް ފެނުނު ޖުމްލަ 3،719 ކޭސްގެ ތެރެއިން، 2،568 މީހަކު ބަލީން ރަނގަޅުވެފައިވާ ކަމަށެވެ. އަދި މިވަގުތު ބައްޔަށް ފަރުވާދެމުން ދަނީ 1،120 މީހަކަށް ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 05 މީހަކަށް ފަރުވާދެމުން އަންނަނީ ޑީއެޗް16 ގައި ކަމަށެވެ. އަދި ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި 59 މީހެއް އެބަތިއްބެވެ. އޭގެ ތެރެއިން 56 މީހަކު ވޯޑުގައި ތިބިއިރު، އައިސީޔޫގައި 03 މީހަކަށް ފަރުވާދެމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

