ދިރާގުން ހޯމް ފައިބާ ބްރޯޑްބްރޭންޑު ޕެކޭޖުތަކަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.
ދިރާގުން ކަސްޓަމަރުންނަށް ގެނެސްދިން މި ބަދަލާއި އެކު، އިތުރު ހަރަދަކާއި ނުލާ ކަސްޓަމަރުންނަށް އިތުރު ޑޭޓާއި، ސްޕީޑު ލިބޭނެއެވެ. މީޑިއާތަކާއި މައުލޫމާތުތައް ހިއްސާކުރަމުން ދިރާގުން ބުނެފައިވަނީ، ޕެކޭޖްތަކުގެ އަޕްގްރޭޑްތަކާއެކު ކަސްޓަމަރުންނަށް 20-65 ޕަސެންޓާ ދެމެދުގެ އިތުރު ޑޭޓާ އަދި ސްޕީޑު ވެސް ލިބޭނެ ކަމަށެވެ.
ދިރާގުން ބުނެފައިވަނީ ކުންފުނީގެ ހޯމް ފައިބާ ބްރޯޑްބްރޭންޑުގެ ހުރިހާ ޕެކޭޖުތަކެއްގެ އަޕްގްރޭޑް އޮގަސްޓު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ލިބޭނެ ކަމަށެވެ. ދިރާގުން ގެނައި ބަދަލުތަކާއި ގުޅޭގޮތުން ދިރާގުގެ ޗީފް މާކެޓިން އޮފސަރު މަހުމޫދު ދައްސަރު ވިދާޅުވީ، ފައިބާ ބްރޯޑްބްރޭންޑު ޕެކޭޖުތަކަށް ގެނައި ބަދަލަކީ އެ ކުންފުނިން ރާއްޖޭގައި ހުރިހާ ސަރަހައްދަކަށް ހައި ސްޕީޑް އިންޓަނެޓު ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށެވެ.
ދިރާގުން ބުނެފައިވަނީ މި ބަދަލާއި އެކު ކަސްޓަމަރުން ރާއްޖޭގެ ގިނަ ގޭބިސީ ތަކަށް މިހާރު ވެސް، ދިރާގު ފައިބާ ބްރޯޑްބޭންޑް އަޕްގްރޭޑްގެ އިތުރު ސްޕީޑް އަދި ޑޭޓާ ތަޖުރިބާ ކޮށްލެވޭނެ ކަމަށެވެ. ފައިބާ ބްރޯޑްބޭންޑް ހިދުމަތް ލިބޭ ހުރިހާ ރަށެއްގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ޕެކޭޖްތައް ތަޖުރިބާ ކޮށްލުމުގެ މަގު ފަހިކޮށްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށާ، އެގޮތުން 16 ރަށެއްގައި މިހާރު ދިރާގުން ދަނީ ނެޓްވޯކް ކެޕޭސިޓީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެކުންފުނިން ބުނެ އެވެ.

