ލޮކްޑައުންގެ ލުއިތަކެއް ދިންފަހުން ރާއްޖެއިން ފެންނަ ކޮވިޑުގެ ކޭސްތައް ވަރަށް ބޮޑުތަނުން އިތުރުވާން ފަށާފައިވާއިރު މިއަދު ބައްޔަށް ޕޮޒިޓިވް ވި މީހުންގެއަދަދު 156 އަށް އަރާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.
ދަރުބާރުގޭގައި އޮންލައިންކޮށް ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓު ކުރުމުގެ ގޮތުން 1400 ސާމްޕަލް ނެގިފައިވާ ކަމަށެވެ. އަދި އިއްޔެގެ އިރުއޮސުމުން ފެށިގެން މިއަދާއިހަމަށްފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދަކީ 156 ކަމަށެވެ.
މިއަދު ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 134 ދިވެހިންނާއި، 22 ބިދޭސީއެކެވެ. މީހުންނާއި އެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދުތައް 3،949 އަށް އަރައެވެ. އޭގެ ތެރެއިން ބަލީން ރަނގަޅުވެފައިވަނީ 2،613 މީހެކެވެ. އެހެންކަމުން މިވަގުތު ކޮވިޑު ޖެހިގެން ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 1،305 މީހުންނެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވެފައިވަނީ، ބައްޔަށް ފަރުވާ ދޭ މީހުންގެ ތެރެއިން 65 މީހަކު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަސް މީހަކަށް ފަރުވާދެމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ރާއްޖޭގެ ބައެއް ރަށްތަކުން ވެސް ކޮވިޑުގެ ކޭސްތަކެއް ފެނިފައިވާއިރު، އަތޮޅު ތެރޭގެ ފެސިލީޓިތަކުން ބ. އޭދަފުށި އާއި، ށ. ފުނަދޫ ކޮވިޑު ފެސިލިޓީގައި އަންނަނީ މީހަކަށް ފަރުވާ ދެމުންނެވެ. އެޑްމިޓުކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ހަ މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ. މީގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައެވެ.
ޕޮޒިޓިވް ކޭސްތަކުގެ އަދަދުތައް އިތުރުވަމުން އަންނައިރު، ބައެއް އާއްމުން ވަނީ ގޭގައި ހުންނަ މީހާ ކޮވިޑަށް ޕޮޒިޓިވްވުމުން ވެސް އޭނާ ކަރަންޓީނު ނުކޮށް ދުވަސްތައް ހޭދަވާތީ އެކަމަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ މައްސަލައަށް ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ޖުލައި މަހުގެ 28 ގައި ކޮވިޑަށް ޕޮޒިޓިވް ވި ބައެއް މީހުން ފެސިލިޓީތަކަށް ނުގެންދެވި ވާ ކަމަށެވެ. އަދި އެގޮތަށް ދިމާވީ މޫސުން ގޯސްވުމުގެ ސަބަބުންކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ބައެއް މީހުން ކަރަންޓީން ފެސިލިޓީތަކަށް ބަދަލު ނުކުރަނީ އާއިލާގެ މެމްބަރަކު ބައްޔަށް ޕޮޒިޓިވުމުން، ބަކީ ދެން ތިބި މެމްބަރުން ވެސް ޓެސްކޮށް ނަތީޖާތައް ލިބެންދެން ކަމަށެވެ.
ލޮކްޑައުންގެ ލުއިތަކާއި އެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުތައް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އަދި އެއްވެ އުޅުމާއި، ޕާޓީތައް އަދި މަސް ދަތުރު ދިއުން އިތުރުވެފައިވާއިރު ސިއްހީ އިދާރާތަކުން ދަނީ ބޮޑެތި އެއްވުންތައް ނުބޭއްވުމަށް އިލްތިމާސް ކުރަމުންނެވެ.
އެންމެ ފަހުން ވެސް ފެނުނު ޕޮޒިޓިވް ކޭސްތަކަށް ބަލާއިރު، ކޮންޓެކްޓްސްތައް ގިނަވެފައި މޫވްމެންޓުތައް ވެސް ގިނަ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. އަދި މިހާރަކަށް އައިސް ފެންނަ ކޭސްތަކުގެ ކޮންޓެކްޓްސްތައް ގިނައިން ފާހަގަވަނީ ވެސް އޮފީސްތަކުން ކަމަށް ބުނެފައިވެއެވެ.
ކުރިޔަށް އޮތްތަނުގައި ރާއްޖޭގެ ހާލަތު ގޯސްވެދާނެކަމަށް، ކޮވިޑަށް ތައްޔާރުކޮށްފައިވާ ޕްރޮޖެކްޝަންއިން ދައްކައެވެ. އެ އަދަދުތައް ދައްކާގޮތުން ޑިސެމްބަރު މަހާއި ހަމައަށް ވެސް ބަލި ކޮންޓްރޯލް ނުކުރެވި ގޮސްދާނެއެވެ. އަދި އޭގައި ވާ ގޮތުން އެންމެ ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސްތައް ފެންނާނެކަމަށް ލަފާކޮށްފައި ވަނީ މި މަހުގެ ތެރޭގައެވެ.
ކޮވިޑު ބައްޔާއި ދެކޮޅަށް ރާއްޖެއިން އެޅި ގިނަ ފިޔަވަޅުތަކަށް ވަނީ ލުއިތަކެއް ދީފައެވެ. އެހެން ނަމަވެސް އެ ލުއިތައް އަނބުރާ ގެންގޮސް ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހިދާނެ ކަމުގެ އިޝާރާތެއް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ދެއްވާފައެވެ.
މީގެ އިތުރުން ހޮނިހިރު ދުވަހުން ފެށިގެން ބޭރު ތެރޭގައި އުޅޭއިރު، މާސްކު އެޅުން ލާޒިމުކޮށްފައިވާއިރު އެ އެންގުމަށް އަމަލު ނުކުރާ މީހުން 1000 ރުފިޔާއިން ޖުރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.

