އައިޖީއެމްއެޗްގައި ފަރުވާ ދެމުންދިޔަ ޔާސިރު ޔަހްޔާ ސާލިހު މުތީއަކީ ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅުން އޮންނަ މީހެއް ކަމަށާއި، އޭނާ ވަނީ ޓެރަރިސްޓް ތަމްރީންތައްވެސް ފުރިހަމަކޮށްފައިކަމަށް ކަމާއި ގުޅުން ހުރި މުއައްސަސާތަކުން ބުނެފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގުޅިގެން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޔާސިރު ރާއްޖެ އައިސްފައިވަނީ 2014 ވަނަ އަހަރު ޓުއަރިސްޓް ވިސާގައި ކަމަށެވެ. އަދި ހަމައެއަހަރު ދިވެއްސަކާއި ކައިވެނި ކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.
އޭނާއަކީ ޓެރަރިޒަމާއި ގުޅުންހުރި މީހެއްކަމަށް ތުހުމަތުކުރެވޭތީ، އޭރުން ފެށިގެން އެނާގެ ހަރަކާތްތައް މޮނިޓަރ ކުރަމުން އަންނަކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އަލްގައިދާއާއި ޔާސިރު ގުޅުން އޮންނަކަމަށާއި އެޖަމާއަތުން ހިންގާ މަތީ ފެންވަރުގެ ތަމްރީންތައް ފުރިހަމަކޮށްފައިވާކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރަށް ދުނިޔޭގެ އެކި ކަންކޮޅުތަގައި އަލްގައިދާއިން ހިންގާ ހަރަކާތްތައް ރާވާ ވިލަރެސްކުރުމުގެ އިތުރަށް ޓެރަރިޒްމްގެ މައްސަލަތަކުގައި ޝާމިލްވާ ދިވެހިންނާއި އޭނާ ގުޅުން ބަދަހިކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އޭނާއަކީ އޭނާ އުފަން ގައުމުގެ އިތުރުން އެހެން ގައުމުތަކުގައިވެސް ޓެރަރިޒްމާއި ގުޅުންހުރި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެއްކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. ޔާސިރު ވަނީ ސައްހަނޫން ޑޮކިޔުމެންޓްތަކުގައި އެކި ގައުމުތަކަށް ދަތުރުކޮށްފައި ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، އޭނާއަކީ ދިވެހިރާއްޖޭގެ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ގަބޫލުކުރެވޭތީ 2017 ވަނަ އަހަރުގެ މާޗް މަހުގެ ދެވަނަ ދުވަހު އޭނާއަށް ރާއްޖެގައި ހުރުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލްކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އޭގެ މަހެއްހާ ދުވަސް ކުރިން އެއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާ ފުލުހަށް ހާޒިރުކޮށް އެއް މަސްދުވަހުގެ ތެރޭގައި ރާއްޖެއިން ފުރައިގެން ދިޔުމަށް އަންގާފައިވާކަމަށެވެ. އެހެންނަމަވެސް، އެއެންެގުމާއި އެއްގޮތަށް އޭނާ ފުރައިގެން ގޮސްފައިނުވާތީ އޭގެ ފަހުންވެސް ތިން ފަހަރެއްގެ މަތިން ފުރައިގެން ދިޔުމަށް އަންގާފައިވާނެ ކަމަށެވެ. އަދި ރާއްޖެ ދޫކޮށް ދިޔުމަށް އަންގައި އޭނާއަށް ދެވުނު މުއްދަތުގެ ތެރޭގައި ފުރައިގެން ގޮސްފައިނުވާތީ އެނާ ފުރުވާލެވެންދެން އިމިގްރޭޝަންގެ ގާނޫނާއި ޚީލާފްވާ ބިދޭސީން ބައިތިއްބާ ޑިޓެންޝަން ސެންޓަރުގައި ބެހެއްޓީކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ޑިޓެންޝަން ސެންޓަރުގައި ބަހައްޓާފައިވަނިކޮށް، ކެއިން ބުއިމަށް އިންކާރުކުރުމުގެ ސަބަބުން ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން މީގެ ކުރިންވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ވަނީ ފަރުވާ ދީފައެވެ. އަދި އޭނާގެ މައުލޫމާތު އެކި ފަހަރު މަތިން ހިޔުމަން ރައިޓްސް ކޮމިޝަނާއި ހިއްސާކޮށްފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ. އޭނާއާ މެދު އަމަލުކޮށްފައިވާނީ ސަލާމަތީ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު، އޭނާގެ އިންސާނީ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށްކަމަށާއި އޭނާގެ ދިވެހި އާއިލާއާއި ގުޅުން ބޭއްވުމަށާއި ކެއިންބުއިމުގެ ކަންކަމުގައިވެސް ލުއިގޮތްތަކެއްގެ ދަށުންކަމަށް ބަޔާނުފައިވެއެވެ.
ބަޔާނުގައި ވަނީ މިމުއްދަތުގައި އޭނާގެ މައުލޫމާތު ޔަމަން ސަރުކާރާއިވެސް ހިއްސާކޮށްފައިވާނެކަމަށް ބުނެފައެވެ. އަދި އޭނާ ފުރުވާލުމަށް ބެނުންވާ ޓްރެވެލް ޑޮކިޔުމެންޓް ހޯދުމަށް ޔާސިރުގެ ފަރާތުން އެއްބާރުލުމެއް ލިބިފައިނުވާތީ ޔަމަން ސަރުކާރުގެ ކިބައިންވެސް އެކަމަށް އެދިފައިވާނެ ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، ޓްރެވެލް ޑޮކިޔުމެންޓް ހެއްދުމަށް އެއްބާރުލުން ލިބިފައިނުވާތީ، އެނާ ފުރުވާލެވިފައި ނުވަނީކަމަށް ވަނީ ބުނެފައެވެ.
ޔާސިރު މަރުވެފައިވަނީ، އޭނާގެ ސިއްހީ ހާލު ގޯސްވުމުގެ ސަބަބުން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ސްޓްރޯކެއްޖެހިގެން އިއްޔެގެ ވަގުތެއްގައެވެ. 2017 ވަނަ އަހަރުން ފެށިގެން އޭނާ ބަންދުކޮށްފައިވާއިރު، އޭނާގެ މައްޗަށް ދައުވާއެއް ވެސް އަދި ޝަރީއަތެއް ވެސްކޮށްފައެއް ނުވެއެވެ. އޭނާއަކީ އަރަބިއްޔާ ސްކޫލާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި އަރަބި ކިޔަވައިދޭ މުދައްރިސެއްގެ ގޮތުގައި އުޅުނު މީހެކެވެ. ބަންދުގައި ހުރިއިރު އޭނާގެ ސިއްހީ ހާލަތު ދުވަހަކަށްޗުރެ ދުވަހެއް ދަށްވެ، އޭނާގެ ބަރުދަން 106 ކިލޯއިން، 53 ކިލޯއަށްވެސް ވަނީ ލުއިވެފައެވެ.
އޭނާ ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދުމުން، އޭނާ ގެ ބަންދަށް ބަދަލުކޮށްދިނުމުގެ އަމުރެއް ނެރެންޖެހޭ ފަދަ ހާލަތެއް ނެތްކަމަށް ހުސްވި ހަފްތާގައިވެސް ސިވިލްކޯޓުން ވަނީ ނިންމާފައެވެ.

