ފްލެޓް ކޮމިޓީގެ ހުރިހާ މުވައްޒަފުން ތިބީ ކަރަންޓީނުގައި ކަމަށާއި ފްލެޓް ލިސްޓު އާންމުކުރުން ލަސްވާނެ ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ބުނެފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަން ފެށި ހިޔާ މަޝްރޫއުގެ ފްލެޓްތައް ހަވާލުކުރުމަށް އޭރު ކަނޑައަޅާފައިވާ ލިސްޓުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށްބުނެ އެކަންކަން ބެލުމަށް ރައީސް ސޯލިހު އުފެއްދެވި ފްލެޓް ކޮމިޓީއަށްވެސް އަދި މިހާތަނަށް އެކަން އޮތީ ނުވެއެވެ. މިކަމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތެކެއް ރައީސް ސޯލިހުގެ ފުރަތަމަ ހައުސިން މިނިސްޓަރ އާމިނަތު އާތިފާއަށްވެސް އަމާޒުވެެގެން ގޮސްފައިވެއެވެ. އަދި މިހާރު މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވަނީ މިދިޔަ ޖުލައި މަސް ނިމުމުގެ ކުރިން ފްލެޓްތައް ލިބޭނެ މީހުންގެ ސައްހަ ލިސްޓެއް އާންމުކުރާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ޖުލައި މަސް ނިމި އޮގަސްޓް މަސް ފެށުނުއިރުވެސް އެލިސްޓް އާންމުކޮށްފައެއްނުވެއެވެ.
މިކަމާއި ގުޅިގެން ފްލެޓް ކޮމިޓީއިން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ފްލެޓް ކޮމިޓީގެ ހުރިހާ މެމްބަރުންނާއި މުވައްޒަފުން ތިބީ ކަރަންޓިނުގައި ކަމަށެވެ. އެގޮތުން ޖުލައި 28 ވަނަ ދުވަހު ކޮމިޓީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ބައެއް މުވައްޒަފުން ކަރަންޓީންކޮށްފައިވާ ކަމަށެވެ. އަދި އެއަށްފަހު އޮގަސްޓް މަހުގެ ދެވަނަ ދުވަހު އިތުރު މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން ކޮމިޓީގެ މެންބަރުންނާއި ހުރިހާ މުވައްޒަފުން ގޭގައި ކަރަންޓީންވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އަންގާފައިވާ ކަމަށެވެ.
ފްލެތް ކޮމިޓީގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، ފިޒިކަލް ވެރިފިކޭޝަން ފުރިހަމަ ކުރެވިފައިނުވަނީ 25 މީހެއްގެ ކަމަށް ވަނީ ބުނެފައެވެ. އޭގެތެރޭގައި ހިމެނެނީ، H8 ކެޓެގަރީގެ 23 މީހަކާއި، H5 ކެޓަގަރީގެ މީހަކާއި އަދި H4 ކެޓަގަރީގެ މީހެއްކަމަށެވެ. މިމީހުންގެ ވެރިފިކޭޝަން ހެދިފައިނުވަނީ އެމީހުން މާލޭގައި ނެތުމުގެ ސަބަބުންކަމަށް ވަނީ ބުނެފައެވެ.
މިފޯމުތައް ފިޔަވައި އެހެން ހުރިހާ ފޯމުތަކަށް ޕޮއިންޓް ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ވަނީ ނިމިފައިވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި H7 ފިޔަވައި އެހެން ހުރިހާ ކެޓަގަރީއެއްގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ ޕްރޮސެސް ފަށާފައިވާކަމަށްވެސް ބުނެފައިވެއެވެ. މިގޮތުން ޖުމްލަ 12013 ފަރާތެއްގެ ދިރިއުޅުމުގެ ހާލަތު ބަލާ ނިމިފައިވާކަމަށްވެސް ފްލެޓް ކޮމިޓީއިން ވަނީ ބުނެފައެވެ.

