ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ދެ ދައުވާއާއި ގުޅޭ ލިޔެކުޔުންތައް ކްރިމިނަލް ކޯޓުން ރައީސް ޔާމީންއާއި ހަވާލުކޮށްފިއެވެ.
ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ. ދައުލަތުން ރައީސް ޔާމީންގެ މައްޗަށް މި ދެ ދައުވާ އުފުލާފައި ވަނީ ޖޫން މަހުގެ28 ވަނަ ދުވަހުއެވެ.
“ ސަންގު“ އަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީންގެ ގާނޫނީ ވަކީޅުންގެ ޓީމުން ބުނީ ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދެ ދައުވާއާއި ގުޅޭ ލިޔެކިޔުން ރައީސް ޔާމީންއާއި ހަވާލު ކޮށްފައި ވަނީ ޖުލައި މަހުގެ 21 ވަނަ ދުވަހު ކަމަށެވެ. ޖިނާއީ އިޖުރާޢަތުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ދައުލަތުން ކޯޓަށް މައްސަލަ ހުށަހަޅާ ތާރީހުން ފެށިގެން ފަސް ދުވަސް ތެރޭގައި ދައުވާ ލިބޭ ފަރާތަށް ދައުވާއާއި ގުޅޭ ލިޔެކިޔުން ކޯޓުން ހަވާލު ކުރަން ޖެހޭނެއެވެ. އަދި ލިޔެކިޔުން ހަވާލު ކުރާތާ30 ދުވަހުގެ ތެރޭގައި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން ބާއްވަން ޖެހޭނެއެވެ.
ދައުވާއާއި ގުޅޭ ލޮޔެކިޔުން ގާނޫނުގައި ބުނެފައިވާ މުއްދަތުގައި ލިބިފައި ނުވާ ސަބަބާއި ބެހޭ ގޮތުން ރައީސް ޔާމީންގެ ވަކީޅުންނާއި ”ސަންގު“ އިން ސުވާލު ކުރުމުން ވިދާޅުވީ ގާނޫނުގައި ބުނެފައިވާ މުއްދަތުގައި ކޯޓުން ރައީސް ޔާމީންއާއި ލިޔެކިޔުން ހަވާލު ނުކުރި ސަބަބެއް ކޯޓުން ހާމަކޮށްފައި ނުވާ ކަމަށެވެ. އަދި ”ސަންގު“ އިން އެކަން ސާފް ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ ސާފުވާ ގޮތް ނުވެފައެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދެ މައްސަލައެއްގައި ދައުވާ އުފުލައި މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވިކަން ހާމަކޮށް ޕްރޮސިކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ( އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމާއި ގުޅިގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ.މާލެ، މއ.ކުރިކީލަހިޔާ، އަޙްމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 ޔޫ.އެސް.ޑީ ( އެއްމިލިއަން އެއްލައްކަ ސަތާރަހާސް އެމެރިކާ ޑޮލަރު) ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްއާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލާގައި ދަޢުވާކޮށް، 28 ޖޫން 2020 ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ(ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާ އާއި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ ޙަވާލާދީ، އެ ޤާނޫނުގެ53 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ.

