ހއ. އިހަވަންދޫގެ ތަޚްތު ބޯޓުގެ ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެ، ބޯޓު ދަތުރުކޮށްފައިވާ ހދ. ނޮޅިވަރަން މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އިހަވަންދޫ އާއި މާލެއާއި ދެމެދު ދަތުރު ކުރާ ”242“ ނަމަކަށް ކިޔާ ބޯޓެއްގެ ފަޅުވެރިއެއް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ތަހުތު ބޯޓުން މިހާތަނަށް ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ތަހުތު ބޯތަކީ އެއީ މާލެއާއި ހއ. އަތޮޅުގެ ގިނަ ރަށްތަކާއި ދެމެދު ދަތުރު ކުރާ ބޯޓެކެވެ. އެގޮތުން ނިމިދިޔަ ހަފްތާގެ ތެރޭގައި ބޯޓު މަޑުކުރި ރަށްތަކުގެ ތެރޭގައި ހދ. މަކުނުދޫ އާއި، ވައިކަރަދޫ ހިމެނެއެވެ.
ތަހުތު ބޯޓުގެ ކޭސްއާއި އެކު ރަށުގެ ބައެއް ގެތައް ކަރަންޓީނުކޮށްފައިވެއެވެ. ބައެއް މީހުން ބޯޓުގައި ވެސް ކަރަންޓީނުގައި މަޑުކޮށްގެން އެބަތިއްބެވެ. ނަމަވެސް، އަދި މިހާތަނަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކޮށް އެއްކޮށް ނިމިފައިނުވާތީ ބޯޓުގެ މީހުންނާއި ރަށުގެ އެހެން މީހުންނާއި ބައްދަލުވިކަން އަދި ސާފެއް ނޫނެވެ.
ލޮކްޑައުންގެ ލުއިތަކަށްފަހު ކޮވިޑުގެ ކޭސްތައް ފެނިފައިވާ ގިނަ ކޭސްތައް ފެނިފައިވަނީ ހޯމް ކަރަންޓީނަށް ދާ މީހުންގެ ފަރާތުންނެވެ. ކޮވިޑުގެ ކޭސްތައް ފެނި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. ކެލާ، ހއ. އިހަވަންދޫ، ބ. އޭދަފުށި، ސީސައިޑް ފިނޮޅު، ރ. އިނގުރައިދޫ، ޅ. ކުރެންދޫ، ޅ. ހިންނަވަރު، އަދި ކ. މާފުށީގެ އިތުރުން ވ. ފުލިދޫއެވެ.
މި ކޭސްތަކުގެ ތެރެއިން ހއ. ކެލާއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މާލެއާއި އުތުރުގެ ރަށްތަކާއި ދެމެދު ދަތުރުކުރާ ސަވާރީ ބޯޓުގެ ކެޕްޓަންއެކެވެ. މާލޭގައި ދެ ހަފްތާއަށް މަޑުކުރުމަށްފަހު ރަށަށް ދިޔަ މީހާ ކޮވިޑަށް ޓެސްޓުކޮށްފައިވަނީ އޭނާގެ ގައިން ބަލީގެ އަލާމާތްތައް ފެނުމުންނެވެ. އަދި އޭނާގެ ކޮންޓެކްޓް ޓްރޭސިންއަށް ފަހު، ފާހަގަ ކުރެވުނު 09 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ކެލާގެ އެ ބޯޓު ދަތުރު ކުރި ބައެއް ރަށްތައް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެގޮތުން މުދާތަކެއް ބޭލުމަށްޓަކާ ބޯޓު މަޑުކުރި ތިން ރަށުގެ ތެރޭގައި ހިމެނެނީ ހދ. ނޮޅިވަރަންފަރާއި، ހއ. ދިއްދޫ އަދި އެ އަތޮޅު ވަށަވަރުއެވެ. މާލޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދުތައް އިތުރުވެފައިވައިރު، މާލެއިން ދަތުރުކޮށް ރަށުގެ ހޯމް ކަރަންޓީނުގައި ތިބޭ ބައެއް މީހުން ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އެގޮތުން ޅ. ހިންނަވަރުގައި ހޯމް ކަރަންޓީނު ވެގެން ހުރި މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ބަލީގެ އެއްވެސް އަލާމާތެއް ނެތް އެ މީހާގެ ސާމްޕަލް ނަގާފައިވަނީ ކަރަންޓީނުގެ 14 ދުވަސް ހަމަވުމުންނެވެ. ހިންވަރުން ބައްޔަށް ޕޮޒިޓިވްވި މީހާ އެއްވެސް މީހަކާއި ކޮންޓެކްޓުވެފައިވޭތޯ ބެލުމުގެ މަސައްކަތްތައް ދަނީ ކުރިޔަށެވެ.
މީގެ އިތުރުން ވ. ފުލިދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ފުލިދޫގައި ހުރި މީހާ ވެސް ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވަނީ ކަރަންޓީނުގެ މުއްދަތު ހަމަވެ ދޫކޮށްލުމުގެ ކުރިން ބައްޔަށް ޓެސްޓު ކުރިއިރުއެވެ. ފުލިދޫގެ ހޯމް ކަރަންޓީނުގައި ހުރި މީހާ ރަށުން އެއްވެސް މީހަކާއި ކޮންޓެކްޓުވެފައިނުވާ ކަމުގެ މައުލޫމާތު ލިބެއެވެ.
ބ އަތޮޅު ތުޅާދޫއިން ވެސް، މާލެއިން ރަށަށް ގޮސް ހޯމް ކަރަންޓީނުގައި ތިބި ދެ ބިދޭސީއެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ދެ މީހުން ވެސް ތުޅާދޫއަށް ގޮސްފައިވަނީ އެ ރަށުގެ ރެސްޓޯރެންޓަކުން ވަޒީފާ ހަމަޖެހިގްނެނެވެ. ތުޅާދޫއިން ކޮވިޑުގެ ދެ ކޭސްއެއް ފެނުނުއިރު އެ އަތޮޅު ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ސިސައިޑް ފިނޮޅުގެ ފަސް ބިދޭސީއެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ހަމަ އެތޮޅުގެ ކަމަދޫއިން ވެސް ހޯމް ކަރަންޓީނުގައި ހުރި ދިވެއްސެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ޅ. ކުރެންދޫއިން ބައްޔަށް ޕޮޒިޓިވްވެފައިވަނީ ދެ ބިދޭސީންނެވެ. އެ ދެ މީހުންނަކީ ވެސް މާލެއިން އެ ރަށުން ވަޒީފާ ހަމަޖެހިގެން ރަށަށް ހޯމް ކަރަންޓީނަށް ދިޔަ ދެ މީހުންނެވެ.
ވ.ފުލިދޫން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީންގައި ތިބި 10 މީހުންގެ ތެރެއިން އެކަކެވެ. އެއީ ޢުމުރުން 20 އަހަރުގެ އަންހެނެއްކަމަށާއި، އެ މީހާއާ އިތުރު އެއްވެސް މީހާކާ ބައްދަލު ނުވެއެވެ.
ކޮވިޑުގެ ކޭސްތައް މާލޭގައި އިތުރުވުމާއި ގުޅިގެން، ހޮނިހިރު ދުވަހުން ފެށިގެން ބޭރު ތެރޭގައި އުޅޭއިރު މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި އާއްމު އަންތަނުގައި މާސްކު ނާޅާނަމަ އެ މީހަކު 1،000 ރުފިޔާއިން ޖުރިމަނާ ކުރާނެއެވެ. އޭގެ އިތުރުން ވެސް ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 05:00 އާއި ދެމެދު ބޭރަށް ނިކުމެ އުޅޭ މީހުންގެ ކަންކަން މޮނީޓާރ ކުރަމުން ގެންދާނެކަމަށް އެޗްއީއޯސީން ބުނެފައިވެއެވެ.

