ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 129 މީހުން ޕޮޒިޓިވްވެއްޖެއެވެ.
އެޗްއީއޯސީން މިރޭ ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ ކޮވިޑަށް އެންމެ ފަހުން ޕޮޒިޓިވްވި 129 މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރު 4293 އަށް އިތުރުވެފައިވާކަމަށެވެ. ޑރ.ނަޒްލާ ހާމަކުރެއްވިގޮތުގައި އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ 93 ދިވެހިންގެ އިތުރުން ބަންގްލަދޭޝްގެ 23 މީހުންނާއި އިންޑިއާގެ 08 މީހުންނާއި ލަންކާ 04 މީހުންނާއި އިންޑޮނޭޝިއާ މީހެކެވެ.
މި އެންމެންނަކީ ވެސް އާދިއްތަ ދުވަހުގެ 18:00 އިން ހޯމަދުވަހުގެ 18:00 އާއި ހަމައަށް ޕޮޒިޓިވްވެފައިވާ މީހުންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވިދާޅުވިގޮތުގައި ބަލި ޖެހުނު މީހުންގެތެރެއިން އިތުރު27 މީހަކަށްވަނީ ޝިފާ ލިބިފައެވެ. އެހެންކަމުން މިހާރު ފަރުވާދެމުން އަންނަނީ 1490 މީހުންނަށްކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. އޭގެތެރެއިން 92 މީހުންނަށް ފަރުވާދެނީ ހޮސްޕިޓލުގައި ކަމަށާއި އައިސޮލޭޝަންގައި މި ވަގުތު 1013 މީހުން ތިބިކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑް-19 ފެތުރޭ މިންވަރު ދުވަހަކަށްވުރެ ދުވަހަކު އަންނަނީ އިތުރުވަމުންނެވެ. މި ގޮތުން ކޮވިޑް ފެތުރޭ މިންވަރު މަދުކުރުމަށްޓަކައި މާސްކުއެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި މާސްކު ނާޅާ އުޅޭނަމަ ޖޫރިމަނާކުރުމަށް ވެސް ވަނީ ނިންމާފައެވެ. މި ބަލީގެ ނުރައްކާތެރިކަން އިތުރުވެފައިވާއިރު މިހާތަނަށް 18 މީހަކު ވަނީ ނިޔާވެފައެވެ.

