ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުން ފަސްކޮށްފިއެވެ.
މަޖިލީހުގެ ޖަލްސާތައް ފެށުން ލަސްކޮށްފައިވަނީ ކޮވިޑް-19ގެ ކޭސްތައް ފެންނަމުންދާ މިންވަރު އިތުރުވަމުންދާތީއެވެ. މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ކުރިއަށް ނުދިޔަކަމުގައިވިޔަސް، ކޮމިޓީތަކުގެ މަސައްކަތްތަކާއި މަޖިލީހުގެ އިދާރާގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.
އަޝްހާ އީދުގެ ބަންދަށް މަޖިލީސް މެދުކަނޑާލިއިރު، މަޖިލީހުގެ ޖަލްސާތައް ދިޔައީ ތަޅުމުގައި ކުރިއަށްގެންދަމުންނެވެ. އަދި އޭގެ ކުރިން، ލޮކްޑައުންގައި އޮތްއިރު، މަޖިލީހުގެ ޖަލްސާތައް ދިޔައީ އޮންލައިންކޮށް ކުރިއަށްގެންދަމުންނެވެ. އަޝްހާ އީދުގެ ބަންދަށް މަޖިލީސް މެދުކަނޑާލީ، މި މަހުގެ 4 ވަނަ ދުވަހު މަޖިލީޙުގެ ޖަލްސާތައް ބޭއްވާނެކަން އިއުލާން ކުރުމަށް ފަހުއެވެ. އެހެންނަމަވެސް، ކޮވިޑް-19ގެ ކޭސްތައް ފެންނަމުންދާ މިންވަރު އިތުރުވަމުންދާތީ މަޖިލީހުގެ ޖަލްސާތައް ފެށުން އަންނަ ހަފްތާއަށް މަޑުޖައްސާލާފައިވާކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.
މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވާއިރު، މުހިންމު ބައެއް ބިލްތަކުގެ މަސައްކަތްތައް ހުރިކަން ފާހަގަކޮށްލެވެއެވެ. އޭގެތެރޭގައި ފުލުުހުންގެ ޚިދުމަތުގެ ބިލާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާހަގަކޮށްލެވެއެވެ.
މަޖިލީހުގެ ޖަލްސާތައް ފެށުން މަޑުޖައްސާލާފައިވާއިރު، ސަރުކާރުގެ އޮފީސްތައްވެސް ނުހުޅުވާ ގޮތަށް ރައީސް އޮފީހުން ވަނީ ނިންމާފައެވެ.

