ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޒާހަރާ އިންތިޒާމު ކުރީ އިދިކޮޅުންނެއް ނޫން، ޕީޕީއެމް ޕީއެންސީން އެއްވެސް ކަމެއް ވަގަށް ނުކުރާނެ: ޝުޖާއު

އެންމެން އެއް އަޑަކުންގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މަގުތައް މަތީ، މުޒާހަރާ ކުރީ އިދިކޮޅުން ނޫން ކަމަށާއި ޕީޕީއެމާއި ޕީއެންސީއަކީ އެއްވެސް ކަމެއް ވަގަށް ކުރާނެ ޕާޓީއެއް ނޫންކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ދިވެހި ރާއްޖޭގެ ހާލަތު ބޮއްސުންލައި ރައްޔިތުން ނިކަމެތިވެފައިވާ ކަމަށެވެ. އަދި ރައްޔިތުން އުންމީދުވެސް ނުކުރާވަރުގެ ނާއުންމީދީ ބަދަލުތަކެއް އައިސް އާމްދަނީ ލިބެން އޮތް ހުރިހާ ވަސީލަތެއް މެދުކެނޑިފައިވާ ކަމަށެވެ. ޝުޖާއު ވިދާޅުވީ، ރައްޔިތުން ގޮތް ހުސްވުމުން މަގުމައްޗަށް ނިކުމެ، އިހުތިޖާޖުކުރުމަކީ އޮންނަންޖެހޭ ކަމެއް ކަމަށެވެ.

ޝުޖާއު ވިދާޅުވީ، މާލެތެރޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާތަކަކީ ރައްޔިތުން އިސްނަގައިގެން ކުރިޔަށްގެންދިޔަ މުޒާހަރާތަކެއް ކަމަށާއި، އިދިކޮޅު ޕީޕީއެމް، ޕީއެންސީއިން އެ ހަރަކާތްތަކުގެ ޕްރޮންޓްލައިނުގައި ހަރަކާތްތެރިވާ ކަމަށެވެ. އެ ހަރަކާތްތައް މެދުކަނޑާލީ ހައްޖު ދުވަހާއި ދިމާކޮށްކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ، އިދިކޮޅުން ނިންމީ އީދު ދުވަހު ވެސް އެ ހަރަކާތުގައި ބައިވެރިނުވުމަށް ކަމަށެވެ.

ޝުޖާއު ވިދާޅުވީ ރައްޔިތުން ކުރާ ކޮންމެ ކަމެއްގައި އިދިކޮޅުގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް، ޕްރޮގްރެސިވް ކޯލިޝަންގެ މޮޓޯއަކީ ”އެންމެ ފުރަތަމަ ގައުމު“ ކަމަށާއި، ހާލަތު ގޯހުން ދިއުމުގެ ސަބަބުން އިދިކޮޅުން އެ ހަރަކާތުގައި ބައިވެރިނުވުމަށް ނިންމީ ކަމަށެވެ. އަދި ރާއްޖޭގައި ކޮވިޑު ކަންބޮޑުވާ ދަރަޖައަކަށް ގޯސްވެފައިވާ ކަމަށާއި، އަދަތައް ވެސް ފެންނަނީ ކަންބޮޑުވާ ގޮތެއްގައި ކަމަށެވެ. ޝުޖާއު ވިދާޅުވީ މިއީ ސަރުކާރުގެ ބޮޑު ފެއިލިއާއެއް ކަމަށާއި، އިދިކޮޅުން އިސްކުރީ ރައްޔިތުންގެ ސިއްހަތު ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ސިއްހަތު އިސްކުރި ހަމައެކަނި ޕާޓީކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

”އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނު ރައްޔިތުންގެ މުޒާހަރާ އޮންނާނެކަމަށް. އަޅުގަނޑުމެން ނިންމީ މިހާލަތުގައި ޕީޕީއެމް، ޕީއެންސީން ގައުމީ މަސްލަހަތާއި، ރައްޔިތުންގެ ސިއްހަތު އިދިކޮޅަށް މާ މުހިންމު ކަމޭ…. އިނގޭތޯ މިވަގުތު. މި ގައުމުގައި އާމްދަނީ ލިބޭނެ އެއްވެސް ވަސީލަތެއް ނެތްކަން އަޅުގަނޑުމެންނަށް އިނގޭ. ރާއްޖެ މިއޮތީ މިއިން ޒަމާނަކުވެސް ދަށަށް ނުދާހާ ދަށަށް ވެއްޓިފަކަން އިނގޭ. އަޅުގަނޑުމެންނަށް އިނގޭ…….. އިގްތިސޯދު ފުނޑުފުނޑުވެއްޖެކަން ބޯގަމާރު ރައީސެއް މި ގައުމުގެ ވެރިއަކާއި ހަވާލުވީ ހިސާބުން. އެހެންކަމުން އަޅުގަނޑުމެން އިސްކުރީ އެންމެ ފުރަތަމަ ގައުމު. އެންމެ ފުރަތަމަ ގައުމުގެ ތެރޭގައި އަންނާނީ ރައްޔިތުން. ރައްޔިތުންގެ ސިއްހަތު އަޅުގަނޑުމެންނަށް މުހިންމުވީމަ، މިހާލަތުގެ ސަބަބުން، ކަމުގެ ސަބަބުން ނޭދެވޭ އަސަރެއް ހާއްސަކޮށް މިކަހަލަ ދަނޑިވަޅެއްގައި ނޭދެވޭ އަސަރެއް އައިސްދާނެކަމަށް ލީޑާޝިޕަށް ގަބޫލު ކުރެވޭތީ އެ އިހުތިޖާޖުތަކުގައި ބައިވެރިނުވުމަށް ނިންމީ“ ޝުޖާއު

ޝުޖާއު ވިދާޅުވީ ފްރަންޓްލައިނުގައި މަސައްކަތް ކުރާ ފަރާތްތަކުން މި ތަކުލީފު އުފުލުމަށް އިދިކޮޅުން ބޭނުން ނުވާ ކަމަށެވެ. ޑޮކްޓަރުންނާއި ނަރުހުންނަށް ދޭން ބުނި އެލަވަންސް ވެސް ނުދޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ދެން ސަރުކާރުގެ ސަބަބުން ކޭސްތައް އިތުރުވުމުން ވެސް އޭގެ ތަކުލީފު އަންނަނީ ރައްޔިތުންނަށް ކަމަށެވެ. އެހެންކަމުން މިއީ ވެސް ވިސްނާ ވިސްނުމެއްގެ ގޮތުގައި ޝުޖާއު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން، ގާނޫނާއި ހިލާފު ކަންތައް ހިންގާނަމަ ސިޔާސީ ޕާޓީތަކަށް ފިޔަވަޅު އަޅާނެކަމަށް ބުނެފައިވާތީ، އީސީއަށް ރައްދުދެމުން ޝުޖާއު ވިދާޅުވީ މިއީ އީސީއަށް ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ. މިއީ އިދިކޮޅުން ވެސް އިންތިޒާމު ކުރާ ހަރަކާތްތަކެއް ނޫން ކަމަށާއި، މިއީ ރައްޔިތުންގެ އިސްނެގުމެއްގެ ގޮތުގައި ޝުޖާއު ވިދާޅުވިއެވެ.

އީސީއަކީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިޔާއަށްވާއިރު، މަގުތައްމަތީ ރައްޔިތުން ކުރާ މުޒާހަރާއެއް އީސީއަށް ނުހުއްޓުވޭނެކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މަގުމަތީ ހަރަކާތެއްގައި އިދިކޮޅު ޕާޓީގެ ލީޑަރުން ތިބުމުން އޭގެ މާނައަކީވެސް އެއީ އިދިކޮޅުގެ ހަރަކާތެއް ނޫން ކަމަށް ޝުޖާއުވަނި ވިދާޅުވެފައެވެ.

ޝުޖާއު ވިދާޅުވީ ޕީޕީއެމް، ޕީއެންސީއަކީ ވަގަށް ކަންކަން ކުރާ ޕާޓީއެއް ނޫން ކަމަށާއި، އެއްވުމެއް ބާއްވާނަމަ ކެރިގެންތިބެ އެކަން އިއުލާނު ކުރާނެކަމަށެވެ. ޝުޖާއު ވިދާޅުވީ، މުޒާހަރާތަކުގައި ބައިވެރިނުވާން ނިންމީ، މިހާރު އަސްލަށް ވެސް ޕޮޒިޓިވް ކޭސް ގިނަކަމަށް ސަރުކާރުގެ ތެރެއިން މައުލޫމާތު ލިބުމުން ކަމަށެވެ. އެހެން ނަމަވެސް މީގެ ކުރިން އޮޅުވާލިކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ އިދިކޮޅުން އިންތިޒާމު ކުރާ މުޒާހަރާއެއް ނޫންނަމަ، އެއްވުންތަކުގައި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަނީ ކީއްވެގެން ތޯ އާއި ރައްޔިތުންނަށް ދިމާވާ ދަތިތަކުގެ ވާހަކަ ނުދައްކަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ޝުޖާއު ވިދާޅުވީ ރައްޔިތުން މާ ބޮޑަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މަތީން ”މިސް ވަނީ“ ކަމަށެވެ. އެއީ 95،000 ރައްޔިތުންގެ ވޯޓު ލިބުނު ރައީސެއްކަމަށާއި އެހެން ކަމުން ރައްޔިތުންނަށް އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލުމުގެ ހައްގު އޮންނާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކޮވިޑުން ކުރީ މުޅިންވެސް ވައްކަންކަމަށް ވިދާޅުވެފައެވެ.

 ”އެންމެން އެއް އަޑަކުން“ ގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދާ މި މުޒާހަރާއަކީ މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ ކުރިޔަށް ގެންދާ އިހުތިޖާޖެކެވެ. އިދިކޮޅު ޕީޕީއެމް، ޕީއެންސީން ބުނާ ގޮތުގައި މިއީ ސީދާ ޕްރޮގްރެސިވް ކޯލިޝަނުން އިންތިޒާމު ކުރާ ހަރަކާތެއް ނޫނެވެ. ނަމަވެސް ޕާޓީގެ ލީޑާޝިޕާއި، ކައުންސިލް މެމްބަރުން އަދި އެކްޓިވިސްޓުންގެ ގޮތުގައި ފާހަގަ ކުރެވޭ މީހުން މި އެއްވުމުގައި ވަނީ ބައިވެރިވެފައެވެ.

އިހުތިޖާޖުގައި އަޑު އުފުލަމުން ދަނީ މި ސަރުކާރަކީ އެއްވެސް ގާބިލުކަމެއް ނެތް ސަރުކާރެއްކަމަށް ބުނެއެވެ. އަދި ރައްޔިތުންނަށް ދެނީ އަނިޔާތައް ކަމަށާއި، ކޮވިޑުގެ ނުރައްކަލުގެ ތެރެއިން ވެސް ސިވިލް ސާވިސް މުވަައްޒަފުންގެ މުސާރަތައް ކަނޑާލުމާއި، މުވައްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރު ގަޑި ހިމެނޭހެން އެލަވެސްންސްތައް ކަނޑާލާފައިވާ ކަމަށެވެ. މީގެ އިތުރުން ކޮމިޓީ މަރުހަލާގައި މިވަގުތު އޮތް ދިވެހި ފުލުހުންގެ ބިލަށް ވެސް ފާޑުކިޔުން އަމާޒުކޮށް ވަނީ މިއީ ނިޒާމުގެ ތެރެއަށް އަތް ބޭނުންކަމަށް ބުނެފައެވެ.

އެއްވެސް ގައިދުރުކަމެއް ނެތި އެއްވުމެއް އިދިކޮޅުން ކުރިޔަށް ގެންދާނެކަމަށް ބުނާއިރު، ރޭ އެކަނިވެސް ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓު ކުރި މީހުންގެ އަދަދު 215 އަށް އަރައެވެ. ގިނަ އާއްމުން ވެސް ވަނީ ސޯޝަލް މީޑިއާގައި އިދިކޮޅުގެ މި އެއްވުންތައް ހުއްޓުވުމަށް ވެސް ގޮވާލާފައެވެ. އަދި މިއީ ކަލަސްޓާތަކެއް އުފެދި ބަލި އިތުރަށް ފެތުރިގެން ދިއުމުގެ ފުރުސަތު އޮތް ކަމެއްގެ ގޮތުގައި އާއްމުން ދަނީ ފާހަގަ ކުރަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: