މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަންޓްރެވެލް ސިޔާމް) ގެ ކުންފުންޏަކަށް، ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި ބޮޑު ލޯނެއް ޑިފޯލްޓްވެ، އެލޯނު ސަރުކާރަށް ދައްކަންޖެހުމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަންޓްރެވެލް ސިޔާމްގެ ކުންފުންޏަކަށް، ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ދިން ސޮވެރިން ގެރެންޓީއަކާ އެކު، ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި ބޮޑު ލޯނެއް ޑިފޯލްޓްވެ، 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދިވެހި ސަރުކާރުން ދައްކަން އެ ބޭންކުން އަންގާފައިވަނީ ޖުލައިމަހުގެ ފަހުކޮޅުއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި 2017 ގެ ފަހުކޮޅު ސިޔާމް ޕްރައިވެޓް ލިމިޑެޓަށް އެގްޒިމް ބޭންކުން 127 މިލިއަން އެމެރިކާ ޑޮލަރު (2 ބިލިއަން ރުފިޔާ) ދިނީ ދިވެހި ދައުލަތުން ސޮވެރިން ގެރެންޓީ ދިނުމުންނެވެ.
ސިޔާމަށް ސޫކުރި 127 މިލިއަން ޑޮލަރުގެ ތެރެއިން ނުދައްކާ އޮތް ކަމަށް ބެލެވޭ 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ސަރުކާރުން ދެއްކުމަށް އެގްޒިމް އަންގާފައިވަނީ މި ހިނގާ އޮގަސްޓު މަހުގެ 6 ވަނަ ދުވަސް (މާދަމާ) ގެ ކުރިން ނިޔަލަށެވެ.
އެ ލޯނު ސަރުކާރުން ދައްކަންޖެހުނު މައްސަލައިގައި ފިނޭންސް މިނިސްޓަރު އަމީރުއާ ސުވާލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މީކާއީލް ހުށަހަޅުއްވާފައިވަނީ ދައުލަތުން ގެރެންޓީ ދީގެން ސިޔާމްގެ ކުންފުންޏަކުން ނެގި ލޯނެއް ޑިފޯލްޓްވެފައިވޭތޯ އާއި އޮތްނަމަ އެ ފައިސާ ސަރުކާރުން ދައްކާނެ ގޮތަކާއި ލޯނު ދެއްކުމުގެ މުއްދަތު އިތުރުކުރަން އެދިފައިވާނަމަ އެކަން ސާފުކުރުމުގެ އިތުރުން އެކަމަކު ސަބަބުން މާލީ ގޮތުން ކުރާނެ އަސަރުތަކަކީ ކޮބައިތޯ ސާފު ކުރެއްވުމަށެވެ.
ސިޔާމްގެ ލޯނުގެ މައްސަލައިގައި މިހާތަނަށް ސަރުކާރުން ރަސްމީ ގޮތެއްގައި އެއްޗެއްބުނެފައެއް ނުވެއެވެ. އަދި ސިޔާމްވެސް އެކަމާއި ގުޅިގެން ވަކި އެއްޗެއް ވިދާޅުވެފައެއް ނެތެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ ލޯނު ނަގަން ސަރުކާރުން ސޮވެރިން ގެރެންޓީ ދިނީ، ފިނޭންސް މިނިސްޓްރީއަށް ބާރު ފޯރުވޭ ގޮތަށް ވަކި އަދަދަކަށް ފައިސާ ބަހައްޓާފައެވެ.
ސިޔާމް އެ ލޯނު ނަންގަވާފައިވަނީ އިރުފުށި އައިލެންޑް ރިސޯޓް ތަރައްގީ ކުރުމަށެވެ. އިރުފުށި ރިސޯޓަކީ 221 އެނދުގެ ފަސް ތަރީގެ ރިސޯޓެކެވެ.

