ލުބުނާންގެ ވެރިރަށް، ބެއިރޫތްގައި ބާރުގަދަ ގޮވުންތަކެއް ގޮވާ ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ބެރައިތުގައި ކުއްލި ގޮވުމެއް ގޮވާ، އެތައް ބަޔަކު އެ ހާދިސާގައި ވަނީ ނިޔާވެފައެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާއި ގުޅިގެން ރައީސް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ދިވެހި ގައުމު އޮތީ ލުބްނާން އާއި އެކު ކަމަށެވެ. އަދި މި ހިތާމަވެރި ހާދިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާއާއި، ޒަހަމްވި ފަރާތްތަކާއި އާއިލާތަކާއި އެކު ކަމަށެވެ.
https://twitter.com/ibusolih/status/1290880557010702343
ބާރުގަދަ ގޮވުންތަކެއް ގޮވާފައިވަނީ ބެއިރޫތުގެ ބަނދަރު ސަރަހައްދުގައެވެ. އެ ސިޓީގެ ވިޔަފާރި ބަނދަރުގައި ގޮވި ގޮވުންތަކުގެ އަސަރު މުޅި އެ ސަރަހައްދަށް ކުރެއެވެ. އަދި އައި ލޮޅުންތަކުގެ ސަބަބުން އެ ސަރަހައްދުގެ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެ، އެތައް ބަޔަކު ޒަހަމްވެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބު އަދި ސާފެއް ނޫނެވެ. އަދި އެ ގައުމުގެ ސަރުކާރުން ވެސް މިއީ ބަޔަކު ގަސްތުގައި ހިންގި އަމަލެއްގެ ގޮތުގައި ކުށްވެރިއެއް ނުކުރެއެވެ. ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ލެބަނަންގެ ދާހިލީ ވަޒީރާއި ހަވާލާދީ މި ހާދިސާ ރިޕޯޓުކޮށް ބުނެފައިވަނީ މި ހާދިސާ ހިނގުމަށް މެދުވެރިވީ ބަނދަރުގައި ހުރި ގުދަންތަކެއްގައި ރޯވުމުންނެވެ. އަދި އެތަނުގައި ބާރުގަދަ ގޮވާތަކެތި އާއި ތެޔޮ ހުރިކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. ގުދަންތަކުގައި 2800 އާއި ގާތް ކުރާ އަދަދެއްގެ ޓަނުގެ ކެމިކަލް ހުރިކަމަށް ވެއެވެ.
މި ހާދިސާގައި ނިޔާވެގެން މިއަދުގެ ހެނދުނާއި ހަމައަށް ރިޕޯޓު ކުރި މީހުންގެ އަދަދު 78 އަރައެވެ. އަދު 4000 އަށް ވުރެ ގިނަ މީހުން ޒަހަމްވެ އަންނަނީ ފަރުވާ ދެމުންނެވެ. ކަމާއި ބެހޭ ފަރާތްތަކުން ވަނީ މި އަދަދުތައް އިތުރުވެދާނެކަމަށް ލަފާކޮށްފައެވެ.
ގެއްލުންވި ބޮޑު ސަރަހައްދެއް އެކީ ބިމާ ހަމަވެފައިވާއިރު، ވެއްޓުނު އިމާރާތްތަކުގެ ދަށުގައި މީހުން ތަށިވެފައި ތިބެދާނެކަމަށް ސިއްހީ އިދާރާތްތަކުން އަންނަނީ މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

