ގާނޫނީ ފަންނުގެ ގާނޫނު ވުޖޫދު ކުރިއިރު ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވާ ދަރިވަރުންނަށް އަމާޒުކޮށް އެއް މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ފަހު ވަކީލު ކަމުގެ ހުއްދަ ދޫކުރާ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލް ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ތަސްދީގް ކުރައްވައިފިއެވެ.
އިޞްލާހުގައި، ބަޔާންކޮށްފައިވާ ގޮތުގައި މި އިޞްލާޙު ޤާނޫނަކަށްވެ އަމަލުކުރަން ފަށާއިރު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ޤާނޫނީ ވަކީލުކަމުގެ ހުވައިކުރެވިފައިނުވާ އެންމެހައި ފަރާތްތަކަށް ޚާއްޞަކޮށްގެން އެއް މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން އެކުލަވާލައި، ކުރިއަށްގެންދަންޖެހެއެވެ. އަދި މި ތަމްރީނު ޕްރޮގްރާމުގައި ހިމެނޭ ވަކިވަކި ބައިތަކާއި، ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންގެ ފެންވަރު ވަޒަންކުރާނެ ގޮތް ބަޔާންކުރާ އުޞޫލު ބާ ކައުންސިލުން އެކުލަވާލައި، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި، ގެޒެޓުގައި ޝާއިޢުކުރަން ޖެހެއެވެ.
ހަމައެހެންމެ މި މި އުޞޫލު ގެޒެޓުކުރާ ތާރީޚުން ފެށިގެން ގިނަވެގެން 7 ދުވަހުގެ ތެރޭގައި، އެ ތަމްރީނު ޕްރޮގްރާމް ފަށަންޖެހޭގޮތަށް ވެސް ޤާނޫނުގައި ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން އެ ތަމްރީނު ޕްރޮގްރާމު ފުރިހަމަކޮށް، ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް، އެ ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރާ ތާރީޚުން ފެށިގެން ގިނަވެގެން އެކާވީސްދުވަހުގެ ތެރޭގައި ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ޤާނޫނީ ވަކީލުކަމުގެ ހުވައިކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި ޤާނޫނީ ވަކީލުކަމުގެ ހުވައި އައު ކުރުމުގެ ގޮތުން، ޤާނޫނީ ވަކީލުކަމުގެ ހުވައިކުރާ ހުރިހާ ފަރާތްތަކުން، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ބާ ކައުންސިލުން އެންމެ އަވަހަށް ބާއްވާ ބާ އިމްތިޙާނުގައި ބައިވެރިވުން މި ބިލުގައި ލާޒިމުކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤްކުރެއްވި، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުއަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ 22 ޖުލައި 2020 ވި ބުދަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

