ވ. ރަކީދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
މީޑިއާތަކާއި މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން މިއަދު ބުނީ ރަކީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 164 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ހަމަޖެހިފައިވާ ކަމަށާއި 156 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
އޭގެ އިތުރުން 74 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ އިތުރުން ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ހަމައެއާއެކު 429 ސްކެއަރ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށް ވެސް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.
ހުސްވި އަހަރުގެ އޮކްޓޫބަރުމަހުގެ 01 ވަނަ ދުވަހުގައި އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫޢުއަށް 18.5 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެ ކުންފުނިން ބުނެއެވެ.

