ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުއަސާސީއަށް 12 އަހަރު ފުރޭއިރު!

ގާނޫނުއަސާސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުސްތޫރީ ޤާނޫނު ނުވަތަ ޤާނޫނު އަސާސީއަކީ އޭގައި ދައުލަތުގެ ބާވަތާއި ދައުލަތުގެ ބާރުތަކާއި އެބާރުތަކުގެ މިންވަރުތަކާއި ވާޖިބުތައް އެކުލެވިގެންވާ ގޮތްތަކާއި ޢާންމު ފަރުދުންގެ އަސާސީ ޙައްޤުތަކާއި ވާޖިބުތައް ބަޔާންކޮށްފައިވާ ޤާނޫނެވެ. މިޤާނޫނަކީ ދައުލަތުގެ އެންމެ އިސް ޤާނޫނެވެ. ނުވަތަ މައިގަނޑު ޤާނޫނެވެ. މިޤާނޫނުގެ އަސާސީ ސިފަތައް ޤާނޫނީ ޢިލްމުވެރިން ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ. އެހެންކަމުން ޤައުމުގެ ދާޚިލީ އެންމެހާ ޤާނޫނެއް ބިނާކުރެވިގެންދާނީ މިޤާނޫނާ ފުށުނާރާނެ ގޮތެއްގެ މަތީންނެވެ. 

ރާއްޖެއަށް އެންމެ ފުރަތަމަ ޤާނޫނު އަސާސީއެއް ތަޢާރަފްކުރެވި ޢަމަލުކުރަން ފެށުނީ 1932 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 22 ގައެވެ. މި ޤާނޫނު އަސާސީ ތަސްދީޤުކޮށްދެއްވީ އެއިރުރަސްކަމުގައި ހުންނެވި އަލްސުލްތާން މުޙަންމަދު ސަމްސުއްދީން 3 ވަނައެވެ.  އަދި 1932 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް 6 ފަހަރެއްގެ މަތިން ރާއްޖޭގެ ޤާނޫނު އަސާސީ އާކުރެވިފައިވެއެވެ. އެހެން ކަމުން މިހާތަނަށް 6 ޤާނޫނު އަސާސީއެއް ރާއްޖޭގައި ހިންގިފައިވެއެވެ.

މިއަދު ދިވެހިރާއްޖޭގައި އަމަލު ކުރަމުންމިދާ ފެހި ގާނޫނުއަސާސީއަކީ ދިވެހިން ވަރަށް ފޮނި އުންމީދެއްގައި ގެނައި ގާނޫނުއަސާސީއެކެވެ. އެތައް ބަޔަކު ވީ ގުރުބާނީގެ ފޮނި ނަތީޖާއެވެ. މިފެހި ގާނޫނު އަސާސީ ތަސްދީޤުކޮށް އަމަލުކުރަން ފަށާފައިވަނީ 07 އޮގަސްޓް 2008 ވަނަ އަހަރުއެވެ. އެއީ ރައީސް މަޢުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ. މިއީ ޒަމާނީ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމެއް ދިވެހިރާއްޖެއަށް ތަޢާރަފްކޮށްދިން ތާރީޚީ ޤާނޫނު އަސާސީއެވެ. މިއީ ދައުލަތުގެ 3 ބާރު ވަކިކުރެވި އެއްބާރު އަނެއްބާރަށް ފާރަވެރިވެވޭ ގޮތަށް އަދި އެއްބާރުގެ މައްޗަށް އަނެއްބާރުން ނުފޫޒު ނުފޯރުވޭގޮތަށް އެކުލަވާލެވުނުޤާނޫނުއަސާސީއެވެ. މިއީ ސިޔާސީ ޕާޓީ ތަކުގެ ދައުރު ފުރަތަމަ ފަހަރަށް ބަލައިގަނެ އެފަރާތްތަކުގެ ވާހަކަ ބަޔާންކުރި ޤާނޫނުއަސާސީއެވެ. މިއީ މުސްތަޤިއްލު މިނިވަން މުއައްސަސާތައް ތަޢާރަފްކޮށް އެތަންތާނގެ ދައުރަކީ ކޮބައިކަން ބަޔާންކުރި ފުރަތަމަ ޤާނޫނު އަސާސީއެވެ. މިއީ ރައްޔިތުންގެ ޚާއްސަ މަޖިލީހެއް ނުވަތަ އެނޫންވެސް އެހެން މަޖިލީހެއް އަލަށް އުފެއްދުމެއްނެތި ދާއިމީކޮށް ދެމިއޮންނަ ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީ އިސްލާޙު ކުރެވޭގޮތަށް އެކުލަވާލެވުނު ޤާނޫނު އަސާސީއެކެވެ. މިއީ މިހާތަނަށް އެންމެ ދިގުކޮށް އަދި ބައެއްކަންކަމުގެ ތަފްޞީލް ބަޔާންކޮށްދީ ތައްޔާރުކުރެވުނު ޤާނޫނު އަސާސީއެވެ.

ފެހި  މިޤާނޫނު އަސާސީގައި ފުރަތަމަ ފަހަރަށް ތިމާވެށި ޙިމާޔަތްކުރުމުގެ ވާހަކަ ބަޔާންކޮށް ހަޅުތާލު ކުރުމުގެ ޙައްޤާއި، ހަނުހުރުމުގެ ހައްޤާއި ނަރުދަމާ ނިޒާމާއި، ކަރަންޓްގެ ޚިދުމަތް ޤާއިމްވެފައި އޮތުމުގެ ހައްޤުގެވާހަކަ ބަޔާންކޮށްފައިވެއެވެ. ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާބެހޭ ބާބެއް ފުރަތަމަ ފަހަރަށް މިޤާނޫނު އަސާސީގައި ހިމަނާފައި ވެއެވެ. ދިވެހިރާއްޖޭ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއްކަމުގައި ފުރަތަމަ ފަހަރަށް މިޤާނޫނު އަސާސީގައި ބަޔާންކޮށްދީ އަދި  ދުނިޔެވީ އެހެން ރިޔާސީ ނިޒާމުތަކާއި ޚިލާފަށް ވަޒީރުންނާއި ސުވާލުކުރުންފަދަ ޚާއްސަ ސިފަތަކެއް މިޤާނޫނު އަސާސީގައި ހިމަނާފައިވެއެވެ. މިޤާނޫނު އަސާސީގައި ފުރަތަމަ ފަހަރަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ބާބެއް ތަޢާރަފްކޮށް ގެނެސްދީފައި ވެއެވެ. މިހާތަނަށް ވީހާ ގިނަބަޔަކަށް އިންތިޚާބުތަކުގައި ވޯޓްލެވޭނެގޮތަށް ވޯޓްލެވޭ އުމުރަކީ 18 އަހަރު ކަމުގައި މިޤާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބްރައީސަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ ދެ މަޤާމުކަމުގައި ކަނޑައަޅާފައި މިޤާނޫނު އަސާސީގައި ވެއެވެ.

ކޮންމެއަކަސް ފެހި ގާނޫނުއަސާސީއަށް މި އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހު 12 އަހަރު ފުރިގެންދާއިރު އަޅުގަނޑުމެން ހާސިލް ކުރަން ބޭނުންވި ހަގީގީ މަގްސަދު ހާސިލްވި ކަމަށް ނުވަތަ ހާސިލް ކުރެވެމުންދާ ކަމަށް ދެންނެވޭކަށް ނެތެވެ. ސަބަބަކީ ގާނޫނުއަސާސީން އަޅުގަނޑުމެންނަށް ކަށަވަރުކޮށްދިން އެތައް ހައްގުތަކެއް މިއަދު ކަށަވަރުވެފައި ނުވާތީއެވެ. އޭގެ ބަދަލުގައި ފެންނަމުންދާ މަންޒަރަކީ ގާނޫނުއަސާސީ ނިވާ ފަތްގަނޑަކަށް ހަދައިގެން ސިޔާސީ މީޙުން ކުޅިވަރު ކުޅޭ މަންޒަރެވެ. އެކަން މިހާތަނަށް ގާނޫނުއަސާސީއަށް ގެނެވުނު ފަސް އިސްލާހުން ވެސް ސާބިތުވެގެންދާނެއެވެ. 

ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އުމުރަށް ބަދަލު ގެނައީ ސިޔާސީ ޑީލްތަކެއްގެ ތެރެއިންނެވެ. ނުރުހޭ މީހަކު މަގާމުން ދުރުކުރުމަށެވެ. އެކަކު ޖަލުން ގޭ ބަންދަށް ބަދަލު ކުރުމަށެވެ. ޕާޓީގެ ކުދިން ކޮޅަށް ނުވަތަ އެކު އުޅޭ ސިޔާސީ ބަޔަކަށް ފައިދާތަކެއް ހޯދައިދިނުމަށެވެ. މިހާތަނަސް ގާނޫނުއަސާސީއަށް ގެނެވުނު ފަސް އިސްލާހުން ވެސް ރައްޔިތު މީހާއަށް ވީހަމަ އެއްވެސް ފައިދާއެއް ނެތެވެ. އެހެން ކަމުން ގާނޫނުއަސާސީއަށް 12 އަހަރު ފުރިގެންދާއިރު ރައްޔިތު މީހާ އަތްޖަހައި އުފާކުރަން ޖެހޭނެ ހަމަ އެއްވެސް ސަބަބެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުވިސްނެއެވެ. މި ފެހި ގާނޫނުއަސާސީއަކީ މުޒާހަރާ ގާނޫނުއަސާސީއޭ ވިދާޅުވި ބޭފުޅުން މިއަދު ގައުމުގެ ހުންގާނުގައި ތިއްބެވިއިރު އެ ބުނާ މުޒާހަރާ ގާނޫނުއަސާސީއިން ކުރެވޭ ހަމަ އެއްވެސް މުޒާހަރާއެއް ނެތެވެ. މިއީ ލަދުވެތި ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: