ދިވެހި ދަޢުލަތުން ޓެރަރިޒަމްގެ ތުހުމަތުކޮށް ބަންދުގައި ބަހައްޓާފައިހުއްޓާ ނިޔާވި ޔަމަނުގެ ޔާސިރު ޔަޙްޔާ ޞާލިޙް މުތީއު ނިޔާވިތާ ތިންދުވަހަށްފަހު މިއަދު ވަޅުލައިފިއެވެ.
ޔާސިރު ނިޔާވީ އެއްވެސް ޝަރީޢަތެއްކުރުމަކާއި ނުލައި އަދި އެއްވެސް ދަޢުވާއެއް އުުފުލުމެއްނެތި އިމިގުރޭޝަންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައިހުއްޓާ ހާލުދެރަވެގެން އައިޖީއެމްއެޗަށް ގެންގޮސް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިމަހުގެ ދެވަނަ ދުވަހުގައެވެ.
މިކަމާ ގުޅިގެން ޔާސިރުގެ ޢާއިލާގެ ވަކީލުންގެ ފަރާތުން އަންގާރަދުވަހުގައި ނެރުނު ނޫސްބަޔާނުގައި ބުނީ ޔާސިރު ނިޔާވެފައިވަނީ އޭނާއަށް ލިބެމުންދިޔަ ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތަކަށް ކެތްނުކުރެވިގެން އެކަމާ ދެކޮޅަށް ކުރި ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގެ ސަބަބުންކަމަށެވެ. މި ގޮތުން އޭނާ އެޑްމިޓްކުރީ 14 ޖުލައިގައި ކަމަށާއި އެޑްމިޓްކުރިތާ ދެ ދުވަސްފަހުން ހުޅުމާލޭގައި ހުންނަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ޑިޓެންޝަން ސެންޓަރަށް ބަދަލުކުރިކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އޭގެފަހުން އަނެއްކާވެސް ޔާސިރުގެ ހާލުދެރަވުމާއެކު 21 ޖުލައިގައި ދެވަނަ ފަހަރަށް އައިޖީއެމްއެޗުގައި އެޑްމިޓުކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ޔާސިރުގެ ޢާއިލާގެ ވަކީލުންގެ ބަޔާނުގައި ބުނީ ޔާސިރު ނިޔާވީ ސްޓްރޯކެއްޖެހިގެންކަމަށާއި އަދި އެޑްމިޓްކުރިފަހުން 24 ޖުލައިގައި ހާޓްއެޓޭކެއްޖެހިފައިވާކަމަށް ޑޮކްޓަރުން މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި 25 ޖުލައިގައި ހެދި އެމްއާރްއެމް ސްކޭންއިން ސިކުނޑިއަށް ލޭއެޅިފައިވާކަމަށާއި އެ ކަމުގެ ސަބަބުން ދާއިމީ ގެއްލުމެއްވެދާނެކަމަށް ޑޮކްޓަރުން އޭރު މަޢުލޫމާތުދެއްވިކަމަށް ވެސް ބުނެފައިވެއެވެ.
ޔާސިރުއަށް މި ގެއްލުންތައް ލިބެމުންދާކަން ބަޔާންކޮށް އޭނާގެ ޢާއިލާގެ ފަރާތުން އޭރުވަނީ އޭނާ ގޭބަންދަށް ބަދަލުކުރުމުގެ ވަގުތީއަމުރެއް ނެރެދިނުމަށްއެދި ސިވިލްކޯޓަށް ވެސް ހުށަހަޅާފައެވެ.
މިގޮތުން ޔާސިރުގެ ފަރާތުން ހުށަހެޅި މައްސަލައިގައި ވަނީ، ބަންދުކޮށްފައި ހުރުމުގެ ސަބަބުން އޭނާގެ ސިއްހަތަށް ގެއްލުންވާ ކަމަށާއި، ނަފްސާނީ ބަލިމަޑުކަމެއް ހުންނަކަމަށް ބުނެފައެވެ. މީގެ އިތުރުން އެ މައްސަލައިގައި ގޮތެއް ނިމެންދެން ބަންދުގައި ހުންނަން ޖެހިއްޖެނަމަ ފުރާނައަށް ނުރައްކާވެދާނެކަމަށް ވެސް ބުނެފައިވެއެވެ. އެހެންނަމަވެސް މި މައްސަލައިގައި ސިވިލް ކޯޓުން ހުސްވިމަހުގެ 21 ވަނަ ދުވަހުގެ ނެރުނު އަމުރުގައި ބުނީ، ޝަރީޢަތުގެ ޢަދާލަތު ހަމައަށް ރިޢާޔަތްކޮށް އެކަށައަޅާފައިވާ ހަމަތަކާއި، ޝަރީޢަތްކުރުމުގެ ޤަވާޢިދުގެ 06 ގެ 295 ވަނަ މާއްދާގެ މައްޗަށް ރިޢާޔަތްކުރާއިރު، ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތެއް ނެތްކަމަށެވެ.
ޔާސިރު ޖަލުގައި ހައްޔަރުކޮށްފައިވަނީ، 2017 ވަނަ އަހަރުގެ މާރިޗުމަހުގެ 03 ވަނަ ދުވަހުގެރޭގެ 11:45 ހާއިރު ކޯޓު އަމުރެއްގެދަށުންނެވެ. ދަޢުލަތުން އޭރު އޭނާ ހައްޔަރުކުރީ، ހަނގުރާމައަށް މީހުން ފޮނުވުމުގެ ތުހުމަތުގައެވެ. އަދި އެ މައްސަލައިގައި ޔާސިރުގެ ކައިވެނީގެ ވިސާ ކެންސަލްކޮށް، ޑީޕޯޓުކުރުމަށް ވެސް ދަޢުލަތުން ވަނީ ނިންމާފައެވެ.

