ނައިބު ރައީސް ފައިސަލް ނަސީމް ފ.ނިލަންދޫ ކައުންސިލަރުންނާއި ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި ބައްދަލުވުމުގައި، ނިލަންދޫ ކައުސިލަރުންގެ އިތުރުން ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
މި ގޮތުން މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ އެރަށުގެ ރައްޔިތުންނަށް މި ވަގުތު އެންމެ ދަތިވާ މައްސަލަތަކާ ބެހޭ މަޢުލޫމާތުތައް އޮޅުންފިލުއްވަވާފައެވެ.
އެ ގޮތުން ކައުންސިލަރުންނާއި މުއައްސަސާތަކުގެ ވެރިން ވަނީ ރަށުގެ ކަރަންޓާއި ނަރުދަމާގެ ހާލަތު ހުރިގޮތުން ދިމާވެފައިވާ ދަތިތަކާއި އެ ރަށުގެ ބަނދަރާއި ގުޅިގެން ދިމާވެފައިވާ ދަތިތައް ނައިބު ރައީސްއާއި ހިއްސާކުރައްވާފައެވެ.
މި ކަންބޮޑުވުންތައް އަޑުއައްސަވައި ނައިބު ރައީސް ވިދާޅުވީ އެ ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާ ޖަނަރޭޓަރާއި އެހެނިހެން ބައެއް ސާމާނު އެރަށަށް ގެންދިއުމުގެ މަސައްކަތް ފެށިގެން މިހާރު ކުރިޔަށްދާކަމަށެވެ. އަދި ކަރަންޓާއި ނަރުދަމާއާއި ގުޅިގެން ދިމާވެފައިވާ ދަތިތައް ފެނަކަ ކުންފުނީގެ ބޭފުޅުންނާ މަޝްވަރާ ކުރައްވައިގެން ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ދެންހުރި ދަތިތައް ހައްލުކުރެއްވުމަށް ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުން ނިންމަަވައިލައްވަމުން ނައިބު ރައީސް ވަނީ މިހާރު ރާއްޖެ އޮތް ސިއްހީ ހާލަތުގައި ނިލަންދޫގެ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ރައްޔިތުންނަށް ވީހާވެސް ބޮޑަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް އަންގަވާފައެވެ.
ހަމައެއާއެކު ރައްކާތެރިކަމުގެ ގޮތުން ސިއްހީ މާހިރުންދޭ އިރުޝާދުތަކާ އެއްގޮތަށް ކަންކަން ބައްޓަންކުރުމަށް ރައްޔިތުންނަށް ބާރުއަޅައި އެ މަސައްކަތްކޮށްދިނުމަށް ވެސް ނައިބު ރައީސްވަނީ އެދިވަޑައިގެންފައެވެ.

