އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ ދެ ޖަމްޢިއްޔާކަމަށްވާ އުތެމައާއި އެމްޑީއެންގެ އިސްމީހުން މިވަގުތު ވެސް މިނިވަންކަމާއެކު މަގުމަތީގަ އުޅެމުން އަންނައިރު އެޅުނު އެއްވެސް ފިޔަވަޅެއްނެތްކަމަށް ނޮޅިވަރަމްދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު(މޮސްޓާ) ވިދާޅުވެއްޖެއެވެ.
މުޙައްމަދު ނަޝީދު( މޮސްޓާ) މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ ދެ ޖަމްޢިއްޔާކަމަށްވާ އުތެމައާއި އެމްޑީއެންގެ އިސްމީހުން މިވަގުތު ވެސް މިނިވަންކަމާއެކު މަގުމަތީގަ އުޅެމުން އަންނައިރު މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިފައިނުވާކަމަށެވެ. އަދި މި ކަން ފާހަގަކުރައްވައި ނަޝީދު ވަނީ ރައްޔިތުން މިހާރު ނިކުމެ އެ ކަމަށް ފިޔަވަޅު އަޅާކަށް ނުވޭތޯ ސުވާލުއުފައްދަވާފައެވެ. އަދި އުތެމައާއި އެމްޑީއެންއާއި ދެކޮޅަށް ރައްޔިތުން މިއަދު ނުނިކުމެއްޖެނަމަ ދީނަށް ފުރައްސާރަކޮށް ދެން ނަގާ ރާޅު މާ ބޮޑުވާނެކަމަށާއި އޭރުން ފަހުންކުރާނެ އެއްވެސްކަމެއް ނޯންނާނެކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އުތެމައާއި އެމްޑީއެންގެ ވާހަކަ ފާހަގަކުރައްވައި ނަޝީދު ޓްވީޓްކޮށްފައިވާއިރު ރާއްޖޭގައި ހިންގާ އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުން ވަނީ އެ ދެ ޖަމްޢިއްޔާއާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. ހަމައެއާއެކު ޢާންމު ރައްޔިތުން ވެސް އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އުތެމަ ޖަމްޢިއްޔާއިން ޖޫންމަހުގެ 22 ވަނަ ދުވަހުން ފެށިގެން، ޖުލައި މަހުގެ ނިޔަލަށް ޖެނީވާގައި އޮންނަ ސީޑޯ ކޮމިޓީގެ 76 ވަނަ ބައްދަލުވުމަށް ހުށަހަޅަން ތައްޔާރުކުރި ރިޕޯޓުގައި އިސްލާމްދީނާއި ފުށުއަރާ އެތައް ކަމެއް ބަޔާންކޮށްފައިވާކަމަށް ރާއްޖޭގައި ތިބި ފުންނާބު އުސް ޢިލްމުވެރިންވަނީ ފާހަގަކުރައްވާފައެެވެ. އެ ގޮތުން އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ބިދޭސީ އަންހެނުންނާއެކު ދިވެހި ފިރިހެނުންނަށް ކައިވެނީގެ ބޭރުން ހިންގޭ ގުޅުންތަކުން ލިބޭ ދަރިފުޅު ޝަރުޢީގޮތުން ބައްޕަގެ މައްޗަށް ސާބިތުނުވިކަމަށް ވިޔަސް، ދިވެހި ރައްޔިތުކަން އެ ކުއްޖާއަށް ލިބެންޖެހޭކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، އަންހެނުންނަށް އަނިޔާކުރުމަށް ހިތްވަރުދޭ ދީނީ ޢިލްމުވެރިންނަށް ދަޢުލަތުގެ ފަރާތުން ފަހި މާހައުލެއް ޤާއިމުކޮށްދެމުންދާކަމަށް ބުނެ ރިޕޯޓުގައި ވަނީ އެ ކަމަކީ ކަންބޮޑުވާންޖެހޭކަމެއްކަމަށް ބުނެފައެވެ.
އަދި ހަމައެއާއެކު ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގައި އަންހެން 02 ފަނޑިޔާރުން ރާއްޖޭގެ ސްޕްރީމް ކޯޓަށް ޢައްޔަންކުރެވިގެން ދިއުމަކީ ތާރީޚީ ކުރިއެރުމެއްކަމަށް ވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން އެބޯޝަން މައްސަލަތަކުގައި ފަތުވާ ކޮމިޓީން ފަތުވާނެރުމަކީ ކަންބޮޑުވާކަމެއްކަމަށް ވެސް އުތެމައިގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައިވެއެވެ. އަދި ހަމައެހެންމެ އަންހެންކުދިން ޚިތާނުކުރުމަކީ ދީނީގޮތުން ހައްދު ފަހަނައަޅާފައިވާކަމެއް ކަމަށާއި، އެކަމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިން ހިތްވަރުދީ އާލާކުރަން ބާރުއަޅާކަމަށް ތުހުމަތުކޮށް އުތެމައިގެ ރިޕޯޓުގައި ވަނީ އަންހެންކުދިން ޚިތާނުކުރުމަކީ އެފްޖީއެމްސީކަމަށް ބުނެފައެވެ. އަދި 2015 ވަނަ އަހަރާއި 2017 ވަނަ އަހަރުގައި ރަޖަމްކުރަން ރާއްޖޭގައި ކުރެވުނު ހުކުމަކީ ނުހަނު ކަންބޮޑުވާންޖެހޭކަމެއްކަމަށް ވެސް ވަނީ ބުނެފައެވެ.
އެމްޑީއެންއަށް ބަލާއިރު “ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ“ ނަމުގައި އެ ޖަމްއިއްޔާ އިން ނެރުނު ރިޕޯޓުގައިވަނީ ރަސޫލާ(ޞޢވ) އަށް ފުރައްސާރަކޮށް ކުޑައިމީސް ބަސް ބުނެފައެވެ. އެ ރިޕޯޓް ހެދުމުގައި ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދުގެ އިތުރުން ރައީސް އޮފީހުގައި މަސައްކަތް ކުރެއްވި ނޫޝިން ވަހީދުގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފައެވެ.
މި ކަމާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވުމާއެކު ފުލުހުންވަނީ އެ ޖަމްޢިއްޔާގައި ސީޕީ ޙަމީދު މަސައްކަތްކުރެއްވި ކަމަށާއި އެކަމަކު ރިޕޯޓް އުފެއްދުމުގައި ބައިވެރިނުވާ ކަަމަށް ބުނެފައެވެ. އަދި ރައްޔިތުންގެ ފާޑު ކިޔުންތައް އަމާޒުވުމުން ނޫޝިން ވަނީ އެ ޖަމްއިއްޔާއިން އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވައި ރިޕޯޓް ހެދުމުގައި އޭނާގެ ދައުރެއް ނުވާނެ ކަމަށް ބުނެފައެވެ.
އެމްޑީއެންގެ މައްސަލަ ފުލުހުން ތަހުޤީޤު ކުރަމުން ދިޔައިރު ރިޕޯޓް ލިޔުމުގައި އިސްކޮށް އުޅުނު ޝަހިންދާ އިސްމާޢީލާއި ޑރ. އަޒްރާ ނަސީމް ފުލުހަށް ހާޒިރުކުރަން ޗިޓް ފޮނުވި ނަމަވެސް އެ ދެ މީހުން ރާއްޖެއިން ބޭރުގައި އުޅޭތީ ފުލުހަށް ހާޒިރުކުރެވިފައިނުވާކަމަށް ވެސް ފުލުހުން މީގެކުރިން ވަނީ ބުނެފައެވެ.
ނަމަވެސް މޮސްޓާގެ ވާހަކައިގައިވާ ފަދައިން އެއިން އެއްވެސް މީހަކާއި މެދު ފިޔަވަޅު އެޅިފައިނުވާކަމަށް ބުނެ ރައްޔިތުން އަދިވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ގޮތުން ނަޝީދުގެ ޓްވީޓަށް ރިޕްލައިކުރި މީހަކު ވަނީ ރައްޔިތުން ފަރުދީ ޒިންމާއަދާކުރާނަމަ އެފަދަ މީހުން ތިބޭނީ ޖަލުގައިކަމަށް ބުނެފައެވެ.

