ރާއްޖެއަށް ފަތުރުވެރިއަކު، އޭނާ އެނބުރި ގައުމަށް ދިއުމުގެ ކުރިން ކޮވިޑަށް ޓެސްޓުކުރިއިރު ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.
ދަރުބާރުގޭގައި އޮންލައިންކޮށް ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފަތުރުވެރިޔާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ އޭނާ ފުރުމުގެ ކުރިން ބައްޔަށް ޓެސްޓު ކުރުމުން ކަމަށެވެ. އަދި އޭނާ ބައްޔަށް ޕޮޒިޓިވްވީ އިއްޔެގެ ވަގުތެއްގައި ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ފަތުރުވެރިޔާ ޗުއްޓީ ހޭދަކޮށްފައިވަނީ އޮބްލޫ ސަންގެލި ރިސޯޓުގައިކަން ފާހަގަކޮށް ޑރ. ނަޒްލާ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ހަދާ އޭނާއާއި ބައްދަލުވީ މީހުން އެކަހެރިކޮށް ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން ފަތުރުވެރިޔާގެ އާއިލާ ވެސް ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ރާއްޖެއަށް އައި ފަތުރުވެރިއަކު، ރެންޑަމް ސާމްޕަލްއަކުން ކޮވިޑަށް ޕޮޒިޓިވްކަން އެނގިފައިވެއެވެ.
މީގެ އިތުރުން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގެ ބޯޑަރުތައް ހުޅުވުމުން އަންނަ ފަތުރުވެރިން ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމުތައް ހަމަޖެހޭނެ ގޮތްތައް ރިސޯޓުތަކާއި ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން، ފަތުރުވެރިން ފުރުމުގެ ކުރިން ބައްޔަށް ޓެސްޓުކުރެވޭނެ ހޮސްޕިޓަލްތަކާއި އެ ކެޕޭސިޓީގެ މައުލޫމާތުތައް ދީފައިވާނެކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ބައެއް ކަންކަން މަޝްވަރާ ކުރެވި އެއްބަސްވުމަށް އާދެވިފައިވާއިރު އޭގެ ތެރޭގައި ފަތުރުވެރިންގެ ލިސްޓު ހިއްސާކުރުމުން އެޗްއީއޯސީން އެ މީހުން ޓެސްޓު ކުރުމުގެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށެވެ.

