ކޮވިޑް-19 އާއި ގުޅިގެން ހެދިފައިވާ އުސޫލުތަކާއި ޚިލާފަށް ހިންގި އިތުރު 20 ތަނެއް ބަންދުކޮށްފިއެވެ.
މާސް އިންސްޕެކްޝަންގެ މަޢުލޫމާތު ހިއްސާކުރައްވަމުން ބުދަދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ ބުދަދުވަހު 235 ތަނެއް އިންސްޕެކްޓްކުރެވިފައިވާ ކަމަށެވެ.
އޭގެތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ 51 ތަނެއްގެ އިތުރުން 154 ފިހާރައާއި 05 ޖިމާއި 04 މާރުކޭޓްކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި މި ތަންތަނުގެތެރެއިން އުސޫލުތަކަށް ނުފެތޭތީ 20 ތަނެއް ބަންދުކޮށްފައިވާކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
މި ގޮތުން ބަންދުކުރީ 08 ފިހާރައާއި 06 ސެލޫން އާއި ކާބޯތަކެތީގެ ޚިދުމަތްދޭ 03 ތަނެއްގެ އިތުރުން 03 މާރުކޭޓްކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑް-19 އިގެ ނުރައްކާތެރިކަން ކުޑަކުރުމަށްޓަކައި ހެދިފައިވާ ޤަވާއިދުތަކަށް ޢަމަލުކުރަމުންދޭތޯ ބެލުމަށް އެޗްޕީއޭއިން ޚާއްސަ އޮޕަރޭޝަނެއް ފެށީ ހުސްވި ހަފުތާގެ ބުދަދުވަހުގައެވެ. މި ގޮތުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ވިޔަފާރިކުރާ ތަންތަނާއި ޖިމާއި ސެލޫންތަކާއި ފިޓްނަސް ސެންޓަރާއި މާރުކޭޓުތަކުގައި ޢަމަލުކުރަނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތައްތޯ ބަލަމުންދާނެކަމަށް އެ އެޖެންސީންވަނީ ބުނެފައެވެ.
މީގެ އިތުރުން އެޗްޕީއޭގެ އުސޫލުތަކަށް ނުފެތޭތީ މިފަދަ ތަންތަން ބަންދުކޮށްފައިވާއިރު، އެ އެޖެންސީން ދެން އެންމެ އަވަހަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމަށްޓަކައި އޮފީސްތަކުގައި އިންސްޕެކްޝަން ފަށާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެޗްޕީއޭއިން މި ފިޔަވަޅުއަޅަން ނިންމީ ފަހަކަށް އައިސް އޮފީސް މާހައުލުން ގިނަބަޔަކު ކޮވިޑަށް ޕޮޒިޓިވްވަމުން އަންނާތީއެވެ.

