ޓޫރިޒަމް މިނިސްޓަރަކަށް ޑރ.ޢަބްދުﷲ މަޢުޞޫމް ޢައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ސްޕޯކްސް ޕަރސަން އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމަށް، ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް (ދަފްތަރު. ނަންބަރު 4336) ޢައްޔަންކުރައްވައި އެ ބޭފުޅާއަށް މަޤާމުގެ ފަތްކޮޅު ރައީސް ޞާލިޙް މިއަދު ހަވާލުކުރައްވާފައިވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ.މަޢުޞޫމަށް މަޤާމުގެ ފަތްކޮޅު ހަވާލުކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭޭއްވި ރަސްމިއްޔާތެއްގައެވެ.
ޑރ.މަޢުޞޫމް މިނިސްޓަރަކަށް ޢައްޔަންކުރައްވާފައި މިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ޢަލީ ވަޙީދު ވަކިކުރެއްވިތާ މަހެއްހައި ދުވަސް ފަހުންނެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އެ މަޤާމުން ވަކިކުރައްވާފައިވަނީ ހުސްވި ޖުލައި މަހުގައެވެ. އޭނާ އެ މަޤާމުން ވަކިކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތުގައެވެ.
މި ގޮތުން އިސްތިއުފާ ދެއްވަން ޢަލީ ވަޙީދަށް ރައީސް ޞާލިޙް އެންގެވިނަމަވެސް އިސްތިއުފާދެއްވާފައިނުވާތީ މަޤާމުން ވަކިކުރެއްވީ ޖުލައި މަހުގެ 09 ގައެވެ.
އެއަށްފަހު ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓްރީ ހިންގެވުމާއި ހަވާލުކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލްއާއެވެ.
ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ދައުރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ޑރ.މަޢުޞޫމް އެންމެ ފަހުން ހުންނެވީ ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަޤާމުގައެވެ. ޑރ.މަޢުޞޫމް ޓޫިޒަމް މިނިސްޓަރުގެ މަޤާމާއި މިއަދު ހަވާލުވެވަޑައިގަތީ ސިންގަޕޫރުގައި ހުންނަވާފައި ރާއްޖެ ވަޑައިގެން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަވުމުންނެވެ.

