މަދަނީ އިޖުރާއަތުގެ ބިލުން ޤާއިމުކުރާ މަދަނީ ޢަދުލުގެ ނިޒާމު ބައްޓަން ކުރެވިގެންދާނެގޮތާއި، ބިލުގައި ހިމެނޭ އެނޫންވެސް މުހިންމު ސިޔާސަތުތަކާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓާއި ސިވިލް ކޯޓާއެކު އެޓަރނީ ޖެނެރަލްގެ އޮފީހުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިބައްދަލުވުމުގައި، އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްޢަތުގެ އިތުރުން ބައިވެރިވެވަޑައިގަތީ، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ ފަނޑިޔާރުންނާއި، ސިވިލް ކޯޓުގެ ޤާޟީންނެވެ.
އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި، ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައި، ޢަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމަށް ބާރުއަޅައިދޭނެ އުސޫލުތަކާއި، އިޖުރާއަތުތަކާމެދު ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމަކީ، މަދަނީ ޢަދުލުގެ ނިޒާމާއި މަދަނީ އިޖުރާއަތާގުޅޭ އެނޫންވެސް މައިގަނޑު ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތައް ފެށުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ.

