ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި 19 ބިދޭސީންގެ މައްސަލައާއި ގުޅޭގޮތުން ވަކީލުންތަކެއް ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަމުންދާ ކަމަށް ބުނެ އެ ވަކީލުންގެ މައްސަލަ ބާ ކައުންސިލަށް ހުށައަޅަން ފުލުހުން ނިންމައިފި އެވެ.
ބޮޑުފިނޮޅުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ރަށުން 19 ބިދޭސީއެއް ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ބިދޭސީންގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޓީމުން ފުލުހުންގެ މުވައްސަސާ ބަދުނާމުވާގޮތަށް މީޑީއާގެ ވަސީލަތްތައް ބޭނުންކޮށްގެން މައުލޫމާތުތަކެއް އާއްމު ކުރަމުން ގެންދާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ، ހައްޔަރު ކުރީ ރަށުގައި ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރެއިން ފުލުހުންނަށް އަމާޒުކޮށް މާރާމާރީ ހިންގާ ދިވެހިން ރަހީނު ކުރުމުގައި އިސްކޮށް ތިބި 19 ބިދޭސީން ކަމަށެވެ. އަދި ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާއި އެއްގޮތަށް ކޯޓު މަރުހަލާގެ ތެރެއިންކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައްސަލައިގައު ހައްޔަރު ކުރި ބިދޭސީންގެ ބައެއް ވަކީލުން ސޯޝަލް މީޑިއާގައި މައްސަލައިގެ ތަހުގީގާއި އަދި ފުލުހުންގެ މުވައްސަސާގެ އަގުވެއްޓޭގޮތަށް، އަދި ރަށުގައި ހިނގައިދިޔަ ހަމަނުޖެހުމާއި ގުޅުވައިގެން ހަގީގަތާއި ހިލާފު ދޮގު މައުލޫމާތުތައް ފަތުރައި ފުލުހުންގެ މަސައްކަތްތަކާއި މެދު ނުބައި ތަސައްވުރެއް އުފެއްދުމަށް މަސައްކަތް ކުރާކަމަށް ބަޔާނުގައިވެއެވެ.
19 ބިދޭސީންގެ ތެރެއިން 05 މީހަކަށް ދައުލަތުން ވަކީލުން ހަމަޖައްސައިދީފައިވާއިރު، އިތުރު 05 މީހަކަށް ވަކީލުން ހަމަޖައްސާފައިވަނީ ޓްރާންސްޕޭރެންސީގެ ފަރާތުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.
19 ބިދޭސީންގެ ނަމުގައި ވަކި ވަކީލުންތަކެއް ވާހަކަ ދައްކާ ނޫސް ބަޔާންތައް ނެރެމުންދަނީ މައްސަލައިގައި ހައްޔަރުކުރި ބިދޭސީންގެ ތެރެއިން 10 ވަކީލަކަށް އެނގުމެއް ނެތިކަމަށް ބަޔާނުގައި ވެއެވެ. އަދި ފުލުހުން ބުނެފައިވަނީ ބިދޭސީންގެ ގާނޫނީ ވަކީލުންގެ ނަމުގައި ވަކީލުންތަކެއްގެ ފަރާތުން ތަހުގީގަށް ގަސްތުގައި ހުރަސްއަޅައި ވަކި ބަޔަކަށް މަންފާ ހޯދާދިނުމަށް އުޅޭ ކަމަށް ބެލެވޭ ގޮތަށް މައްސަލައާއި ގުޅިގެން ބަންދުގައި ތިބި މީހުންނަށް ނޭންގޭ އެތައް ކަމެއް އެމީހުން ލައްވާ ތަހުގީގު ރެކޯޑްތެރޭގައި ބުނުވަން އުޅުމާއި އެމީހުންނަށް ލިބެންޖެހޭ މުސާރައާއި ބޮޑުފިނޮޅަށް ގެންދިޔަ ކުންފުނީގެ ވާހަކަ ނުދެއްކުމަށް ބުނެ ބަންދުގައި ތިބި މީހުންނަށް މަޖުބޫރު ކުރުވަމުންދާ ކަމަށެވެ.
ވަކީލުންގެ ފަރާތުން ގާނޫނީ ފަންނުގެ ގާނޫނުގައި ވަކީލުން ކޮށްގެން ނުވާނެ ކަމަށް ކަނޑައަޅާފައިވާ އެތައް ސުލޫކީ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި، ވަކީލުންގެ ފަރާތުން ފުލުހުންގެ މަސައްކަތަށް ދަތިކޮށް، ހަގީގަތާއި ހިލާފު ވާހަކަ ފަތުރައި ފުލުހުންގެ ތަސައްވުރު ކިލަނބުކުރުމަށް މަސައްކަތް ކުރަމުން އައިސްފައިވާތީ ވަކީލުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އެ ވަކީލުން ކޮށްފައިވާ ކަންކަން މި ސާވިސްއިން މޯލްޑިވްސް ބާ ކައުންސިލަށް ހުށައަޅަން ނިންމާފައިވާ ކަމަށެވެ.

