ދަރަނި ނުދެއްކިގެން ސޮވެރިން ޑިފޯލްޓް އަކަށް ނުދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު އޮތް މުޅި މަޖިލިސް އެއްކޮށްލައިގެން މަޖިލީހުގައި ކުރިއަށް ގެންދާ ކޮމެޓީ ބައްދަލުވުމުގައި މެންބަރުންގެ ސުވާލުތައް މިނިސްޓަރަށް އަމާޒުވީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ސަން ކުންފުންޏަށް ރައީސް ޔާމީންގެ ސަރުކާރުން ދިން ސޮވެރިން ގެރެންޓިއާ ގުޅޭ ގޮތުންނެވެ.
އަހުމަދު ސިޔާމް ހޯލްޑިން (އޭއެސްއެޗް) އިން 2017 ވަނަ އަހަރު ޗައިނާގެ އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނަށް ސަރުކާރުން ވަނީ ގެރެންޓީ ދީފަ އެވެ. އެއީ ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގެ ދަށުން ނ. ދިގުރަށުގައި އިރުފެން ރިސޯޓު ތަރައްގީ ކުރުމަށެވެ.
އެ ސުވާލުތަކާއި ގުޅިގެން ކޮމިޓީގައި ވާހަކަ ދައްކަވަމުން ވާހަކަ އަމީރު ވިދާޅުވީ މިދިޔަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ދައްކަން އޮތް އިންޓްރެސްޓާއި ޕްރިންސިޕަލް ޕޭމެންޓް ނުދެއްކުނީ ކޮވިޑާ ގުޅިގެން ކުރިމަތިވި ހާލަތުގެ ސަބަބުން ކަމަށް އެ ކުންފުނިން އެންގި ކަމަށެވެ.
އަމީރު ވިދާޅުވީ ޗައިނާ އެގްޒިމް ބޭންކުން އެ ފައިސާ ދެއްކުމަށް ދައުލަތަށް އެންގުމުން، ފަސް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ސިޔާމްގެ ކުންފުންޏަށް އެންގި ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް އޭއެސްއެޗް އިން އެ ފައިސާ ފަސް ދުވަހުގެ ތެރޭގައި އެސްކްރޯ އެކައުންޓަށް ދައްކާފައިވެ އެވެ.
އެކުންފުނިން ނޯޓިސްއާ އެއް ގޮތަށް ފައިސާ ދައްކާފައިވުމުން ރާއްޖެ ސޮވްރިން ޑިފޯލްޓްއަކަށް ނުދާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ މި ސަރުކާރާ ހަވާލުވި އިރު ވެސް މި ޕްރައިވެޓް ގެރެންޓީ ދީފަވާ ކަމަށާއި އަދި ދީފައިވަނީ މާލިއްޔަތު ގަވާއިދުގައި އޭރު ހެދިފައި އޮތް އުސޫލުގެ ތެރެއިން ކަމަށެވެ.
ދަރަނީގެ ހިސާބުތައް ސާފުކުރަން އަމީރުގެ އިތުރުން ކުރީގެ ދެ ފިނޭންސް މިނިސްޓަރުން ކަމުގައިވާ އަބްދުﷲ ޖިހާދާއި، އަހުމަދު މުނައްވަރު ވެސް ހާޒިރުކޮށްފައިވެ އެވެ.

