ދިވެހި ދައުލަތް ބަނގުރޫޓުވީ ދައުލަތުގެ ހަޒާނާއިން އިންތިހާއަށް ވައްކަންކުރާތީ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުބެއްޖެއެވެ.
އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދިވެހި ދައުލަތް ބަގުރޫޓްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ނާގާބިލްކަމުން ކަމަށެވެ. އަދި ޑޮލަރުގެ އަގު މައްޗަށް ދިޔައީ އިގްތިޞާދު މެނޭޖްކުރަން ނޭގުމުންކަމަށެވެ. މިއީ އެމްޑީޕީއިން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކުވެސް ކަން ހިނގާ ގޮތް ކަމަށާއި މިއީ ފެންނަން އޮތް ހަގީގަތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވެފައި މިވަނީ ޑޮލަރުގެ އަގު މައްޗަށް ގޮސް އިގްތިސާދީ ގޮތުން ދައުލަތަށް ގެއްލުންވަމުންދާ ދަނޑިވަޅެއްގައި އެމްޑީޕީގެ ޕީޖީ ލީޑަރ އަލީ އާޒިމް ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ. ރައްޔިތުން މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ދިވެހި ދައުލަތް މިއަދު ވެއްޓިފައިވާ ހާލަތަށް ގޮސްގެން އުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަމަލުކޮށްފައި އޮތް ގޮތުންކަމަށެވެ.
އެގޮތުން ނިިމިދިޔަ ދައުރުގައި މުޅި ދައުލަތް ދަރުވާލާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ތަރައްގީގެ ބޮޑެތި މަޝްްރޫއުތައް ހިންގާފައިވާއިރު އެކަންކަމުގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ބަލަންޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ

