އައްޑޫ ސިޓީ ހިތަދޫގައި ހޯމް ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު ހަމަ ކުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފައިވަނީ، އުމުރުން 21 އަހަރުގެ އެ ޒުވާނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގިފައިވަނީ ހޯމް ކަރަންޓީނުގެ މުއްދަތު ހަމަކޮށް ރިލީޒް ދިނުމުގެ ކުރިން ކޮވިޑަށް ޓެސްޓު ކުރުމުން ކަމަށެވެ. އަދި އޭނާގެ ކޮންޓެކްޓް ޓްރޭސިން ހަދާ އެއްވެސް މީހަކާއި ބައްދަލުވެފައިވޭތޯ ބެލުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށް އެޗްއީއޯސީން ވަނީ މައުލޫމާތު ދީފައެވެ.
ފަހަކަށް އައިސް މާލެއިން ރަށަށް ގޮސް ކަރަންޓީނުވާ މީހުން ކޮވިޑަށް އަންނަނީ ޕޮޒިޓިވްވަމުންނެވެ. އަދި އެ މީހުން ބައްޔަށް ޕޮޒިޓިވްވާކަން އެނގެނީ، ދޫކޮށްލުމުގެ ކުރިން ބައްޔަށް ޓެސްޓު ކުރާއިރުއެވެ. މިހާތަނަށް ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ގިނަ މީހުންނަކީ، އެއްވެސް އަލާމާތެއް ނެތި ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ކޭސްތައް މަދުވުމުން، ބައްޔާއި ދެކޮޅަށް އަޅާފައި ހުރި ވަރުގަދަ ފިޔަވަޅުތަކަށް ލުއިދިނެވެ.
ރަށްތަކުގައި ހޯމް ކަރަންޓީނުވާ މީހުން ކޮވިޑަށް ޕޮޒިޓިވްވުން އިތުރުވެފައިވުމާއި، އަދި މާލޭގައި ވެސް އެއްވެސް ކަލަސްޓާއަކާއި ގުޅުމެއް ނެތި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުތައް އިތުރުވުމުގެ ސަބަބުން މާލެ ސަރަހައްދުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.
މީގެ އިތުރުން މާލެއިން ރަށްތަކަށް ދަތުރުކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސް، ވަކި ޝަރުތުތަކެއް ހަމަވެގެން ނޫން ގޮތަކަށް މާލެއިން ރަށްތަކަށް ނުދެވޭގޮތަށް ވަނީ އުސޫލަށް ބަދަލު ގެނެސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭސްފަރުވާއަށް މާލެ އައި މީހުންނާއި، މާލީ ދަތިތަކާއި ހެދި ނުވަތަ ވަޒީފާ ގެއްލިގެން ރަށަށް ބަދަލުވާ މީހުންނެވެ.

