ރާއްޖޭގައި މިވަގުތު ކޮވިޑް-19 ފެތުރެމުންދާ މިންވަރާއި ހާލަތަށް އެއްވަރަށް އެ ބައްޔަށް ފަރުވާދެވޭނެ ވަސީލަތްތައް އެބަ ހުރި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑްގެ ފަރުވާއަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރި ކަމަށާއި ނަމަވެސް ބައެއް ތަކެތި ލިބުމުގައި ދަތިތަކެއް ހުރި ކަމަށެވެ.
ސިއްހީ މާހިރުން ރާއްޖޭގައަށް ބޭނުންވާނެ ކަމަށް ކަނޑައެޅި ވަސީލަތްތައް އެ އަދަދަށް ލިބިފައިވޭތޯ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސުވާލު ކުރެއްވުމުން، އަމީން ވިދާޅުވީ ސިއްހީ މާހިރުންގެ ދިރާސާތަކުގެ މައްޗަށް ލިސްޓްއެއް އެކުލަވާލައި އެ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ލިސްޓުގައި ހިމެނޭ މިންވަރަށް ވަސީލަތްތައް ހަމަޖެހިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސިއްހީ މާހިރުން ދިރާސާތަކުގެ މައްޗަށް އެކުލަވާލި ނޭޝަނަލް ރިކުއަމަންޓް ލިސްޓާއި އެއްވަރަށް ތަކެތި ލިބިފައިނުވިޔަސް މިހާރު ކޮވިޑްގެ ހާލަތު އޮތް މިންވަރަށް ރާއްޖޭގައި ފަރުވާ ދެވޭނެ ވަރަށް ވަސީލަތްތައް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ނޭޝަނަލް ރިކުއަމަންޓް ލިސްޓުގައިވާ އެ އަދަދަށް ވަސީލަތްތައް ހަމަޖެހިފައެއް ނުވޭ، އެހެން ނަމަވެސް އެ އަދަދު ހަމަވުމުން މަސައްކަތްތައް އަވަސް ވެގެން ދާނެ، ވެންޓިލޭޓަރު ވެސް އަދި ރިކުއާ ކުރި ވަރަށް ނުލިބޭ“ މިނިސްޓަރު އަމީން
މީގެ އިތުރުން މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން މާލީ ހާލަތު ދަށްވެ ބަޖެޓްގައި ދަތިތަކެއް ހުރި ކަމަށާއި ނަމަވެސް އިސްކަން ދޭނީ ސިއްހީ ހިދުމަތަށާއި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސިއްހީ ހިދުމަތް މެދު ނުކެނޑި ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށާއި އަތޮޅު ހޮސްޕިޓަލުތަކުގަވެސް އަދި ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތްދޭ ތަންތަނުގަވެސް މުވައްޒަފުންގެ ދަތި ކަމާއި ޖާގައިގެ ދަތިކަމަކީ ހަގީގަތެއް ކަމަށެވެ.
އަމީން ވިދާޅުވި ގޮތުގައި ވެންޓިލޭޓަރުގެ އިތުރުން މާސްކާއި ބޭސް ވެސް އެންމެ ފުރަތަމަ އޯޑަރު ދިން އަދަދަށް ލިބިފައެއް ނުވެ އެވެ.

