ވެރިކަމުގައި ހުންނަވައިގެން މަނީލޯންޑާރ ކުރެއްވި ކަމުގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުއްﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަތުން ފަސް މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މީރާއިން ފަށައިފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ފަސް އަހަރު ދުވަހު ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އިއްވި އެ ހުކުމުގައި ހަ މަސް ދުވަހުގެތެރޭގައި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ ކަމަށްވާ، ފަސް މިލިއަން ޑޮލަރު ދެއްކުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް މިހާތަނަށް ދައުވާ އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން އެސްއޯއެފްއަށް ލިބުނު ފައިސާތަކެއް އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި މައްސަލާގަ އެވެ. ކުރީގެ ރައީސް، ޔާމީން އަބްދުލް ގައްޔޫމްގެ ނަމުގައި ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން ފައިސާ ވަދެފައިވާކަމަށް ފުލުހުން ތުހުމަތު ކުރިއެވެ. ފަސް އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި އަދަދުތަކުން އެކައުންޓަށް ފައިސާ ޖަމާކޮށް، އެ ފައިސާއިން މުއާމަލާތްކޮށްފައިވާކަމަށް ފުލުހުން ބުނެފައިވާއިރު އެ މައްސަލައާއި ގުޅޭގޮތުން ފުލުހުން އޭރު ހާމަ ކުރި މައުލޫމާތުތަކުގައި ބުނެފައިވަނީ އެއީ އެމެރިކާ ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތަށް، 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އަދަދެއް ކަމަށެވެ.
ގިނަ އަދަދެއްގެ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މައްސަލައިގައި ރައީސް ޔާމީނާއި ސުވާލު ކުރުމަށް އެކި ފަހަރުމަތީން ފުލުސް އޮފީހަށް ވެސް ހާޒިރު ކުރިއެވެ. ”ކެމްޕޭނަށް“ ހޯއްދެވި ފައިސާއާއި ގުޅޭ ތަފްސީލު ހޯދުމަށް ފުލުސް އޮފީހަށް ހާޒިރު ކުރުމަށްފަހު ފުލުހުން އެންމެފަހުން ރައީސް ޔަމީންގެ ނަމުގައި ހުރި އެކައުންޓުތައް ފްރީޒް ވެސް ކުރިއެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިއަދުގެ ވަގުތެއްގައި މީޑިއާތަކާއި ހިއްސާކުރި ބަޔާނެއްގައި ބުނެފައިވަނީ މަނީ ލޯންޑަރިންގެ އަމަލެއް ހިންގުމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާ ފަސް އަހަރަށް އެމަނިކުފާނު ޖަލަށް ލުމާއެކު 5،000،000.00 (ފަސް މިލިއަން) އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ހުކުމް ކުރީ 2019 ގެ ނޮވެމްބަރު މަހުގެ 28 ގައި ކަމަށެވެ.
ފައިސާ ދައްކަން ޖެހޭ މުއްދަތުގެ ތެރޭގައި ރައީސް ޔާމީންގެ ފަރާތުން ފައިސާ ދައްކާފައި ނުވާތީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް ޖޫރިމަނާ ފައިސާ ހޯދަން އެ މައްސަލައިގެ ލިޔެކިޔުންތައް މީރާއަށް މިހާރު ފޮނުވާފައިވާނެކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނު ގެ 188 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުން ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން ކުރި ހުކުމުގައިވާ އަދަބަކީ ޖޫރިމަނާ ކުރުން ކަމުގައިވާނަމަ، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ ޖޫރިމަނާ ދައްކަންޖެހޭނެ އެވެ. އަދި އެ މާއްދާގެ އަކުރު (ނ) ގައި، ބަޔާންކޮށްފައިވާ ގޮތަށް ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދަން ދައުލަތުން އަމަލުކުރާ އުސުލުން އެ ފައިސާ ދައުލަތަށް ނަގަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

