ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ކޮރަޕްޝަންގެ އިތުރު ކުށްތައް ހިމެނުމަށްޓަކައި ރާއްޖޭގެ ގާނޫނުލްއުގޫބާތު އިސްލާހު ކުރުމަށް ހުށަހަޅައިފިއެވެ.
ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ކޮރަޕްޝަންގެ އިތުރު ކޮށްތައް ހިމެނުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރައީސް އޮފީހަށް ވަނީ ފޮނުވާފައެވެ.
އިސްލާހާއި ގުޅޭ މައުލޫމާތުތައް މީޑިއާތަކާއި ހިއްސާކޮށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ މިފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގުން އިތުރުވެ، އެފަދަ އަމަލުތައް ހިންގަމުންދާ ގޮތް ބަދަލުވީ ނަމަވެސް މިހާރުގެ ޒަމާނުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ގޮތުގެ މައްޗަށް ގާނޫނު އިސްލާހު ކުރުން ކަމަށެވެ. އަދި ކޮރަޕްޝަންގެ ކުށް ކުރުމަށް ބަދަލުތަކެއް އައިސްފައިވާތީ، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ ކޮރަޕްޝަނާއި ބެހޭ މުއާހަދާއަށް ވެސް ރިއާޔަތް ކުރުމާއި އެކު، ޒަމާނަށް ފެތޭގޮތަށް ގާނޫނުލް އުގޫބާތުގައި އެކުށްތައް ހިމެނުން ކަމަށެވެ.
ގާނޫނުލް އުގޫބާތައް އަލަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ ކުށްތަކަކީ ނުހައްގުން މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށާއި، ނުފޫޒުން ވިޔަފާރި ކުރުމުގެ ކުށާއި، ބޭރުގެ ދައުލަތެއްގެ ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ މުވައްޒަފަކަށް ރިޝަވަތު ދިނިމުގެ ކުށެވެ. އަދި ރިޝަވަތު ދިނުމާއި ހިފުމުގެ ކުށުގެ ގޮތުގައި ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި މިހާރު އެކުލެވޭ ކުށް އިސްލާހު ކުރުމަށް ހުށަހަޅާފައިވާނެ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.
އެގޮތުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އަލަށް އިތުރުކުރުމަށް ހުށަހަޅާ ކުށްތަކަކީ ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށާއި ނުފޫޒުން ވިޔަފާރިކުރުމުގެ ކުށާއި ބޭރު ދައުލަތެއްގެ ނުވަތަ ބައިނަލްއަގްވާމީ ޖަމިއްޔާއެއްގެ މުވައްޒަފަކަށް ރިޝްވަތު ދިނުމުގެ ކުށެވެ. އަދި ރިޝްވަތު ދިނުމާއި ހިފުމުގެ ކުށުގެ ގޮތުގައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި މިހާރު އެކުލެވޭ ކުށް އިސްލާހުކުރުމަށްވެސް ހުށަހަޅާފައިވާކަމަށް ބަޔާނުގައިވެއެވެ.
މީގެ އިތުރުން އޭޖީގެ އޮފީހުން ބުނެފައިވަނީ ނުހައްގުން މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށަކީ އެއީ ދައުލަތުގެ މުވައްޒަފުންނަށް ލިބެމުންދާ ހުއްދަ އާމްދަނީގެ ވަސީލަތްތަކާއި އެ ވަސީލަތްތަކުން އުފައްދައިދޭ އާމްދަނީގެ މިންވަރާއި އަޅާބަލާއިރު އެ މީހުންނަށް ނުހޯދޭނެ ނުވަތަ ހޯދުން އެކަށީގެން ނުވާ ނުބަތަ ހޯދުނު ގޮތް ބަޔާންކޮށް ނުދެވޭ މުދަލާއި ފައިސާ ހޯދައި ލިބިގަތުމަށްޓަކައި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެ ކުށް ކުރާ ހާލުގައި ލިބޭ އަދަބުގެ ދަރަޖަ މަތި ކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.
މިއީ މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އިސްލާހެއްކަން ފާހަގަކޮށް އޭޖީ އޮފީހުން އިތުރަށް ބުނެފައިވަނީ ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ގާނޫނުލްއުގޫބާތުގައި ހިމެނުމަށް، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ސަރުކާރުގެ ފަރާތުން 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ބިލެއް ހުށަހެޅިކަމަށެވެ. އެހެން ނަމަވެސް ދައުރު ނިމިގެން އައީ ބިލްގެ މަސައްކަތް ނުކުރެވިވަނިކޮށް ކަމަށާއި، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ކޮރަޕްޝަންގެ އެހެން ކުށްތައްވެސް ހިމެނޭގޮތުން އެ ބިލު އަލުން އެކުލަވާލުމަށް ނިންމީ ކަމަށް އޭޖީއިން ވަނީ ފާހަގަކޮށްފައެވެ.
ގާނޫނުލްއުގޫބާތަށް އިތުރުކުރުމަށް ހުށަހަޅާ ދެވަނަ ކުށަކީ، ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށެވެ. އެއާއި އެކު ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ހިޔާނާތުގެ ކުށެއް މިހާރުވެސް ހިމެނުނު ކަމުގައިވީ ނަމަވެސް އެ ކުށް ގާނޫނުލްއުގޫބާތުގައި ހިމެނެނީ ދައުލަތުގެ މުވައްޒަފަކު ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ވަކި ކުށެއްގެ ގޮތުގައި ނޫން ކަމަށްވާތީ ދައުލަތުގެ މުވައްޒަފުން ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމާއި ދައުލަތުގެ މުދަލާއި ފައިސާގެ ނަހަމަ ބޭނުންކުރުމާއި ދައުލަތުގެ ފައިސާ،ދައުލަތުގެ މުވައްޒަފެއްގެ އަމިއްލަ ފައިދާއަށް ނުވަތަ އެހެން މީހެއްގެ ފައިދާއަށް ފައިސާއިން އަގުކުރެވޭ އެހެން އެއްޗަކަށް ބަދަލުކޮށް އޭގެ އަސްލު ބަދަލުކުރުން ހިމެނޭގޮތުން ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ވަކި ކުށެއް އިތުރުކުރުމަށް ހުށަހަޅާފައިވާނެ ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.
ނުފޫޒުން ވިޔަފާރި ކުރުމުގެ ކުށްވެސް އިސްލާހުގައި ހިމަނާ، އޭޖީއިން ބުނެފައިވަނީ ނުފޫޒުން ވިޔަފާރިކުރުމުގެ ކުށަކީ ދައުލަތުގެ މުވައްޒަފެއްގެ މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން އޭނާއަށް ނުވަތަ އެހެން މީހަކަށް ދައުލަތުގެ އެ މުވައްޒަފު މަސައްކަތްކުރާ އިދާރާއިން ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން ވަޒީފާއެއް ނުވަތަ މަސައްކަތެއް ނުވަތަ ފައިދާއެއް ނުވަތަ ލުޔެއް ހޯދައިދިނުމުގެ މުގާބިލުގައި އޭނާއަށް ނުވަތަ އެހެން މީހަކަށް މަންފާއެއް ދިނުމަށް ވައުދުވުން ނުވަތަ ދިނުމަށް ހުށަހެޅުން ނުވަތަ އެފަދަ މަންފާއެއް ހޯދުމަށް އެދުން ނުވަތަ ގަބޫލުކުރުން ނުވަތަ ގަބޫލުކުރުމަށް އެއްބަސްވުން ކަމަށެވެ.
މި ކުށްތައް ކަނޑައެޅުމަށް ހުށަހަޅާފައިވާނީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށްތަކެއްގެ ގޮތުގައި ކަމަށާއި، އޭގެ ތެރެއިން ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ފަނޑިޔާރަކު ކޮށްފިނަމަ އެ ކުށަކީ ޖިނާޔަތުގެ ދެ ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާފައިވާނެކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ދިވެހި ރާއްޖޭގެ ގާނޫނުލްއުގޫބާތަށް ސަރުކާރުން ހުށަހަޅާ އިސްލާހުތައް ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު އުވާލުމަށްވެސް ސަރުކާރުން ބިލްގައި ހުށަހަޅާފައިވެއެވެ. އަދި އެ ގާނޫނު އުވާލަން ހުށަހެޅުމާއެކު އެންޓިކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 23 ވަނަ މާއްދާގައި ހިމެނޭ ކޮރަޕްޝަންގެ މާނަ އިސްލާހުކުރުމަށްޓަކައި، އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްވެސް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.

