ބިދޭސީން ވަޒީފާ އަދާ ކުރުމާބެހޭ ގަވާއިދެއް އެކުލަވާލާ އެ ގަވާއިދު އިކޮނޮމިކް މިނިސްޓްރީން ގެޒެޓުކޮށްފިއެވެ.
ބިދޭސީންގެ މައްސަލަތައް ބޮޑުވެފައިވާ މި ދުވަސްވަރުގައި މައްސަލަތައް ހައްލު ކުރުމުގެ މަގުސަދުގައި އެކުލަވައިލި މި ގަވާއިދަކީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ހުއްދަ (އެމްޕްލޯއިމަންޓް އެޕްރޫވަލް) ދިނުމާއި، އެ ހުއްދަ ދިނުމުގައި ޢަމަލުކުރާނެ ގޮތްތަކާއި، މަސައްކަތްކުރުމަށް ބިދޭސީންނަށް ވަޒީފާ ދެވޭނެ ގޮތާއި، މި ކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން ކަންކަމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދެވެ. ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނެސް ވަޒީފާގައި ގެންގުޅެންވާނީ މި ގަވާއިދާ ޚިލާފުނުވާނޭ ގޮތުގެ މަތިންން ކަމަށް ވަނީ ބުނެފައެވެ.
އިކޮނަމިކް މިނިސްޓްރީން އެކުލަވައިލި މި ގަވާއިދުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީއަކު ވަޒީފާއަށް ހޮވަންވާނީ، ވަޒީފާއާބެހޭ ޤާނޫނާއި ޤާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ ޚިލާފުނުވާނެ ގޮތެއްގެ މަތީންނެވެ. އެގޮތުން ވަޒީފާ އަދާކުރުމަށް ބިދޭސީއަކު ދިވެހިރާއްޖެއަށް ގެނައުމުގެ ކުރިން، އެ ބިދޭސީއަކަށް ވަޒީފާ ދިންކަން އެންގުމަށްޓަކައި، ވަޒީފާދޭ ފަރާތުން ”ލެޓަރ އޮފް އެޕޮއިންޓްމަންޓް“ އެ ބިދޭސީއަކާ ހަވާލުކުރަން ވާނެއެވެ. ލެޓަރ އޮފް އެޕޮއިންޓްމަންޓަކީ، މަސައްކަތްކުރުމަށް ދިވެހިރާއްޖެއަށް ގެންނަ ބިދޭސީއަކާއި އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތާ ދެމެދު، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުން އެކުލަވައިލައި އެ އެއްބަސްވުމުގައި ސޮއިކުރެވެންދެން، ވަޒީފާގެ އެއްބަސްވުން ކަމުގައި ބެލެވޭނެ ލިޔުމެކެވެ. ލެޓަރ އޮފް އެޕޮއިންޓްމަންޓުގައި ހިމެނޭ އެއްވެސް މާއްދާއެއް، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއާ ތަޢާރަޒުވެގެން ނުވާނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.
ބިދޭސީންނަށް ވަޒީފާ ދިނުމާއި ބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތެއް ކުރުވުމަށް ބިދޭސީން ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދެވޭނީ، ބިދޭސީން ވަޒީފާއަށް ގެނައުމަށްޓަކައި މިނިސްޓްރީން ދޫކުރާ ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާ ހޯދުމަށްފަހުއެވެ. އެގޮތުން ގަވާއިދުގައިވާ ގޮތުގެ މަތިން ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހެޅުމުން، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޓާ ދޫކުރެވޭނީ، ކޯޓާ ފީގެ ގޮތުގައި 12 މަސްދުވަހުގެ މުއްދަތަށް 2000 ރުފިޔާ، މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ދެއްކުމުން ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާއަށް ފީ ދައްކާނީ، ގަވާއިދަށް ޢަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައެވެ. ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާތައް، ގަވާއިދަށް ޢަމަލުކުރަން ފަށާތާ 90 ދުވަހުގެ ފަހުން ބޭނުންކުރެވޭނީ ކޯޓާ ފީ ދެއްކުމުންން ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ. މީގެއިތުރުން ވާއިދުގެ ދަށުން ބިދޭސީން ވަޒީފާގައި ގެންގުޅުމަށްޓަކައި ދޫކޮށްފައިވާ ކޯޓާއެއްގެ ދަށުން ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު، ގަވާއިދާ ޚިލާފަށް އެހެން ފަރާތެއްގެ ވަޒީފާއަށް ނުވަތަ މަސައްކަތަކަށް ބަދަލުކުރުމަކީ، ނުވަތަ ވީއްލުމަކީ، ނުވަތަ ފޮނުވުމަކީ މަނާކަމެކެވެ.
މީގެއިތުރުން ދިވެހިރާއްޖޭގައި މަސައްކަތެއް ކުރުވުމަށް ބިދޭސީން ގެންނަ ފަރާތްތަކުން، ޑިޕޮޒިޓް ދައްކަން ޖެހޭނެ ގޮތާއި ބިދޭސީން ގެނައުމުގެ ކުރިން ހުއްދަތައް ނަގަން ޖެހޭނެ ގޮތާއި އެ ނޫން ވެސް ގިނަ ކަންކަން ބިދޭސީންނަށް ވަޒީފާ ދިނުމާއި ބެހޭ ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ.

