ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި މިހާރު ހިގަނީ އެތެރޭގެ ބަގާވާތެއް ގެނައުމުގެ މަސައްކަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް ވެސް ފުރައްވާފައިވާ މޫސާ މަނިކް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ބަގާވާތެއް ކުރީމާ ހަމައެކަނި ބާގީއަކަށް ވަނީ ވަކިމީހެއް ނޫން ކަމަށެވެ.
އެގޮތުން މޫސަ ވިދާޅުވީ އެމްޑީޕީގެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ހުށަހެޅުމުގެ ކުރިން ވަޒީރެއްގެ އިތުބާރު ނެގުމާއި މެދު އެމްޑީޕީގެ ގައުމީ މަޖިލީހުން ގޮތެއް ނިންމަން ޖެހޭނެ ކަމަށާއި ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މަސައްކަތް އެމްޑީޕީގެ ޕީޖީ ގުރޫޕުން ފަށަން ޖެހޭނީ އޭގެ ފަހުން ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އެމްޑީޕީގެ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާއިރު އެމްޑީޕީގެ ގައުމީ މަޖިލީޙުން އެކަމަށް އިގުރާރު ވާން ޖެހޭނެ ކަމަށާއި އަދި ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން ޕީޖީ ގުރޫޕަށް އަންގާނީ ގައުމީ މަޖިލީހުން ފާސްކުރާ އިގުރާރަކުން ކަމަށެވެ. އެ ނޫން ގޮތަކަށް އެކަން ކުރުން އެއީ ބަގާވާތެއްގެ ގޮތުގައި މޫސަ ވަނީ ސިފަ ކުރައްވާފައެވެ.
މީގެއިތުރުން ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރައްވާތީ އެކަމަށް ވެސް ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ނަޝީދު އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވައި އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އާއި ދެކޮޅަށް ނިކުމެވަޑައިގެން ނާކާމިޔާބް ވުމަކީ ޕާޓީގެ އުސޫލްތަކާއި ހިލާފް ވެގެން ޕާޓީން ވަކިކުރުމަށް ވުރެ ލަދުވެތި ކަމެއްގެ ގޮތުގައި މޫސަ ސިފަ ކުރެއްވިއެވެ. އަދި ރައީސް ނަޝީދުއަށް އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ރައީސް ނަޝީދު އެމްޑީޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްްވުމަށް މޫސަ ވަނީ ގޮވާލައްވާފައެވެ.

