އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކޮށްފައިވާ ހުރިހާ ލޯނުތަކެއް މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމާފައިވާއިރު އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކޯޕަރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސެޕްޓެންބަރު މަހުން ފެށިގެން ހަތަރު މަސް ދުވަހަށް ލޯންތައް ފަސް ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ސެޕްޓެންބަރު މަހުގެ ހަތް ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ.
އެސްޑީއެފްސީން ބުނީ މިވަގުތު އެންމެ އިސްކަން ދެނީ ކޮވިޑް-19 އާއި ގުޅިގެން އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައި ގަތުމަށް އިތުރު ފުރުސަތުތައް ފަހިކޮށް ދިނުމަށް ކަަމަށެވެ. އެގޮތުން ކުރިންވެސް އިއުލާނު ކުރެވުނު ފަދައިން މޮރެޓޯރިއަމްގެ މުއްދަތުގައި އެސްޑީއެފްސީން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ހަތަރު ޕަސެންޓް ކުޑަކުރެވޭނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
ކޮވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ އާމްދަނީ އަށް ނޭދެވޭ އަސަރު ކޮށްފައިވާތީ، ބޭންކުތަކުން ވަނީ އެ ތަންތަނުން ނަގާފައިވާ ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދީފަ އެވެ. އެކަމަކު، އަދިވެސް ހާލަތު ރަނގަޅު ނުވާތީ މި އަހަރުގެ ނިޔަލަށް އެ ލޯނުތައް ފަސްކޮށްދޭން ނިންމީ ކަމަށް އެސްއެމްއީ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު ވިދާޅުވި އެވެ.
އެސްއެމްއީ ބޭންކުން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކާ މުއްދަތު އިތުރު ކުރަން ނިންމިޔަސް އެ މުއްދަތު ދޭނީ އެ ބޭންކުން ކުރިން ލޯނު ނެގި ކަސްޓަމަރުންނަށް އެކަންޏެވެ. ރިލީފް ސްކީމް ދަށުން ނަގާ ލޯނުތައް ލުއި ކުރުމާ ގުޅޭގޮތުން އަދި މަޝްވަރާ ނުކުރާ ކަމަށް ޒީނާދު ވިދާޅުވި އެވެ.
އެސްޑީއެފްސީން މިހާތަނަށް 1،0،46 ވިޔަފާރި އަށް 209،9 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި އަމިއްލަ މަސައްކަތް ކުރާ 433 ފަރާތަކަށް 13 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

