ތަރައްގީގެ މަޝްރޫއުތަކުގައި ސޮއި ކުރުމުގައި ދާއިރާތަކުގެ މެދުގައި ތާފާތު ކުރުން ގެންގުޅޭ ކަމަށް ބުނެ ދެ ވަޒީރަކާއި ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރު ކުރުމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށަހަޅުއްވައިފިއެވެ.
މި މައްސަލައިގައި ސިރާޖު ސުވާލު ކުރުމަށް ނިންމަވާފައިވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އާއި ހައުސިންގް މިނިސްޓަރ މުޙައްމަދު އަސްލަމާއެވެ.
އެގޮތުން އަސްލަމްއާ ކުރައްވަން ހުށަހަޅުއްވި ފުރަތަމަ ސުވާލަކީ ”ލ.ފޮނަދޫ މަގު ހެދުން-ފޭސް 2“ ބަޖެޓްގައި ހިމަނާފައި އޮވެ، އޭގައި ސޮއި ނުކޮށް، ބަޖެޓްގައި ހިމެނިފައިނުވާ ދުވާފަރުގެ މަގު ހެދުމުގެ ފޭސް 2 ގައި ސޮއިކުރި އުސޫލު އޮޅުންފިލުވުމަށެވެ.
ދެވަނަ ސުވާލަކީ ބިން ބޮޑު ފޮނަދޫގެ މަގު ހެދުމުގެ ފޭސް 2 ޕްރޮޖެކްޓް ހިންގުމަށްވުރެ ބިމުގެ ގޮތުން މާބޮޑު ތަނުން ކުޑަ އަދި ބަޖެޓްގައި ހިމެނިފައިނުވާ ދުވާފަރުގެ މަގުހެދުމުގެ ޕްރޮޖެކްޓަށް އިސްކަންދޭންޖެހުނީ ކީއްވެގެން ތޯ އާއި ކޮވިޑް-19 ގެ ސަބަބުން ޕްރޮޖެޓްތަކުގައި ސޮއި ކުރުން މަޑު ޖައްސާލައިފައިވާ ވަގުތެއްގައި 37,871,786.00 ރުފިޔާ ހަރަދު ކުރާގޮތަށް އިސްކަމެއްދީގެން ބަޖެޓްގައި ހިމެނިފައިނުވާ ޕްރޮޖެކްޓެއްގައި ސޮއި ކުރަން ޖެހުނު ސަބަބަކީ ކޮބައިތޯ އާއި އަދި ބަޖެޓްގައި ހިމެނިފައިނުވާ ޕްރޮޖެކްޓްތަކުގައި ސޮއި ކުރުމުގައި އަމަލު ކުރަމުން އަންނަ ގޮތާއި އެކަން ކުރާ އުސޫލާއި ގުޅޭގޮތުން ސުވާލު ކުރުމަށް ވަނީ ހުށަހަޅާފައެވެ.
ސިރާޒު، މިނިސްޓަރު އަމީރާ ކުރައްވަން ހުށަހެޅި ފުރަތަމަ ސުވާލަކީ ”ލ. ފޮނަދޫ މަގު ހެދުން -ފޭސް 2“ ޕްރޮޖެކްޓްގައި ސޮއި ނުކުރެވި އޮވެ، 2020 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓްގައި ހިމެނިފައި ނުވާ ދުވާފަރުގެ މަގު ހެދުމުގެ ފޭސް 2 ގެ ޕްރޮޖެކްޓްގައި ސޮއި ކުރީ ކުރަން ހުއްދަ ދެއްވީ ކޮން އުސޫލަކުންތޯ އާއި އަދި ދުވާފަރު މަގު ހެދުމުގެ ޕްރޮޖެކްޓް ފޭސް 2 ގައި ސޮއި ކުރަން ހުއްދަ ދެއްވި ސަބަބަކީ ކޮބައިތޯ އާއި ބަޖެޓްގައި ހިމެނިފައިނުވާ ޕްރޮޖެކްޓްތަކުގައި ސޮއި ކުރުމުގައި އަމަލު ކުރަމުން އަންނަ ގޮތާއި އެކަން ކުރާ އުސޫލަކީ ކޮބައިތޯ އޮޅުންފިލުވުމަށް ސިރާޖު ވަނީ ހުށަހަޅާފައެވެ.
މީގެއިތުރުން ބަޖެޓްގައި ހިމެނިފައިނުވާ ޕްރޮޖެކްޓެއްގައި އެހާބޮޑު އަދަދުން ހަރަދު ކުރަން ހުއްދަދެއްވީ ބަޖެޓްގައި ހިމެނިފައިވާ ހުރިހާ ޕްރޮޖެކްޓްތަށް ހިންގުމަށް ފައިސާ މިހާރު ލިބިފައިވާތީތޯ ވެސް އަމީރާ ކުރައްވަން ސިރާޖު ހުށަހެޅުއްވި ސުވާލުތަކުގެ ތެރޭގައި ހިމެނެއެވެ.

