ކޮވިޑް-19 ގައި ބަލިވާ މީހުންނަށް ފަރުވާދިނުމަށްޓަކައި ހުޅުމާލޭގައި ގާއިމްކުރި 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް އަމިއްލަ މީހެއްގެ ބިމެއްގައި ހުއްޓަސް ދައުލަތަށް ގެއްލުން ނުވާނެ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ)އިން ބުނެފިއެވެ.
ކޮވިޑާ ގުޅިގެން އެންޑީއެމްއޭ އިން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ހުޅުމާލޭގައި ކޮވިޑް ފެސިލިޓީ ގާއިމުކުރުމަށް ސަރުކާރުން ނިންމާ، އެ ފެސިލިޓީ ގާއިމްކޮށްފައިވަނީ ދައުލަތުގެ މިލްކުވެރިކަން ނެތް ބިމެއްގައިކަން ވަނީ ހާމަވެފައެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތަފްސީލު ހާމަކުރައްވަމުން އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ ކޮވިޑް19ގައި ބަލިވާ މީހުންނަށް ފަރުވާ ދިނުމަށް، އަމިއްލަ މީހެއްގެ ބިމުގައި ގާއިމުކޮށްފައިވާ ފެސިލިޓީގެ ސަބަބުން ދައުލަތަށް އެއްވެސް ގެއްލުމެއް ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ހިސާން ވިދާޅުވީ އެތަނުގައި އެ ފެސިލިޓީ ގާއިމް ކޮށްފައި ވަނީ މައިގަނޑު ފަސް ސަބަބެއް އޮވެގެން ކަމަށެވެ. އެގޮތުން އެތަނަކީ ޖާގައިގެ ގޮތުން އެފަދަ ތަނެއް އެޅުމަކަށް އެންމެ އެކަށީގެންވާ ތަނެއް ކަމަށް ވުމުންނާއި އެތަނަކީ ކޮވިޑް-19 ހޮސްޕިޓަލެއްގެ ގޮތުގައި ކަނޑައެޅި ޓްރީޓޮޕް އާއި އިންވެގެން ހުރި ތަނަކަށްވުމުން ކަމަށެވެ. އަދި އެ އިމާރާތުގެ ބޮޑު ބައެއްގެ މަސައްކަތް ނިމިފައި ހުރުމަކީ ވެސް އެތަން ބޭނުން ކުރި ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ އެތަނަކީ ދައުލަތުން ކުއްޔެއް ދައްކަން ޖެހޭ ތަނެއް ނޫން ކަމަށާއި ދައުލަތަށް އެއްވެސް ގެއްލުމެއް ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެތަނަށް ހަރުމުދާ ހޯދާފައިވާއިރު ރަޖިސްޓްރީއެއް ލިޔެ ބަލަހައްޓާފައި ނުވާކަމަށް ވެސް އޮޑިޓް ރިޕޯޓްކުރާ ފާހަގަކުރާތީ ހިސާން ވިދާޅުވީ އެތަނަށް ހޯދި ސާމާނަށް އިންވެންޓްރީ ބަލަހައްޓާ ކަމަށާއި އެކަން ވެސް އޮޑިޓަށް ހިއްސާކުރި ކަމަށެވެ.
”ދައުލަތުގެ މިލްކުވެރިކަން ނެތް ބިމެއްގައި ހުޅުމާލެ ފެސިލީޓީ އަޅާފައިވާކަމަށް، އެގޮތަށް ފާހަގަކުރީތީ ހިތާމަ ކުރަން. ހުޅުމާލޭ ފިސިލިޓީއަކީ މިކަމަށް އެޅި އެންމެ މުހިންމު ފިޔަވަޅު. އެފެސިލިޓީ އެޅުމަށް މަޝްވަރާ ކުރި އިރު 300 އެނދުގެ ފެސިލީޓީއެއް އެޅުމަށް އެންއީއޯސީއިން ނިންމާ ވަރަށް ބާރު ސްޕީޑްގައި އެމަސައްކަތް ދިޔައީ ކުރަމުން. ފެސިލީޓީ ގާއިމުކުރާނެ ތަންތަން ހޯދަމުން ދިޔައިރު، އެކިތަންތަން ބެލުނު. ޓްރީޓޮޕް ހޮސްޕިޓަލާ އިންވެގެން އޮތް ބިމުގައި އެ ފެސިލިޓީ އެޅުމަށް ނިންމާ ހެޗްޑީސީ އާއި އެކު 3 މަހުގެ އެއްބަސްވުމެއް ހެދުނު.“ ހިސާން ވިދާޅުވިއެވެ.

