އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ އަލުން ބަލަން ހައިކޯޓުން އަމުރު ކުރުމުން އެ މައްސަލަތައް މިއަދު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
އަދީބުގެ މައްޗަށް އުފުލާފައިވާ 7 ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިއަދުގެ 15:00 އަށް ވަނީ ތާވަލް ކޮށްފަ އެވެ.
ހައިކޯޓުން މި މަހުގެ 21 ވަނަ ދުވަހު އިއްވި ހުކުމުގައި ވަނީ އަދީބުގެ ހަތް މައްސަލަ އަލުން ބަލަން ޖެހޭނެ ކަމަށް އަމުރުކޮށްފަ އެވެ.
ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، އެ މައްސަލަ ހައިކޯޓުން ނިމުމާއެކު ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި އަދީބުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ޕީޖީގެ އޮފީހުން ހުށަހެޅުމަށާއި، އަދި ކްރިމިނަލް ކޯޓަށް މި މަސައްލަ ހުށަހެޅުމާއެކު ލަސްވެގެން 10 ދުވަހުގެ ތެރޭގައި، މި މައްސަލަ ނިމޭ ތާރީހުން ފެށިގެން އެކުޖުމްލަ 15 ދުވަހުގެ ތެރޭގައި އަދީބުގެ ބަންދާމެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމަންޖެހޭ ކަމަށެެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ އަކީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

