ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލަށް މީހުން ކުރާ އިތުބާރު އަންނަނީ ބޮޑުވަމުން: ނައިބް ރައީސް

ނައިބް ރައީސާއެކު ބޭއވެވި ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށީ ހޮސްޕިޓަލަށް މީހުން ކުރާ އިތުބާރު ބޮޑުވަމުން އަންނަކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ބައެއް މައްސަލަތަކާއި، އެތަނުން ދެމުންދާ ސިއްިހީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ކަމާއިގުޅޭ އިދާރާތަކުގެ ބޭފުޅުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ނައިބް ރައީސް ވިދާޅުވީ ސިއްހީ ޚިދުމަތްތައް ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުން އިތުރުވެފައިވާ ކަމަށާއި އެއީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް މީހުންގެ އިތުބާރު ލިބެމުންދާކަމުގެ ހެއްކެއް ކަމަށެވެ. އަދި، އެ ތަނުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރެވޭނެ ގޮތަކަށް ކަމާއިގުޅޭ ހުރިހާ މުޢައްސަސާތަކުގެ މަސައްކަތްތައް ބައްޓަންކުރުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގައި ދެވޭ ސިއްހި ޚިދުމަތްތައް އިތުރަށް ތަރައްގީކޮށް، ފަރުވާ ހޯދުމަށް މާލޭ ސަރަޙައްދަށް ނުވަތަ ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެ ފަދަ ގޮތަކަށް ސިއްހީ ޚިދުމަތްތައް ފުޅާކުރުންކަމުގައި ވިދާޅުވިއެވެ. އަދި، ކޮވިޑް-19 ގެ ޙާލަތުގައި ވެސް، ލާމަރުކަޒީ އުސޫލުން ކަންކަން ކުރިއަށް ގެންދިޔުމަށް މަގުފަހިވާނެހެން މިނިސްޓްރީ އޮފް ހެލްތާއި ކަމާއިގުޅޭ އެހެން އިދާރާތަކުން މަސައްކަތްކުރުމުގެ މުހިންމުކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިން ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި، އިންސާނީ ވަސީލަތްތައް ހޯދުމުގައި އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތައް ފާހަގަކުރައްވާފައިވެއެވެ. އަދި އެ ތަނުގެ ހިންގުން ހަރުދަނާ ކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތައް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބުރާސްފަތި ދުވަހުގެ މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމާއި، ކުޅުދުއްފުށީ ދާއިރާ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންނާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންގެ އިތުރުން، ހެލްތް މިނިސްޓްރީގެ އިސް ބޭފުޅުންނާއި، އާސަންދަ އަދި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަންގެ އިސްވެރިންނާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ރައީސާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: