އެމްޑީޕީ އަކީ ސަރުކާރު ކޯލިޝަންގެ ބައިވެރިއެއް ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެމްޑީޕީގެ އިތުބާރު އެބަ އޮތް ކަމަށް އެ ޕާޓީގެ ޕީޖީ ލިޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވައްދާފައިވާކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ.
އެގޮތުން އާޒިމް ވިދާޅުވީ ހިޔާލުތަފާތުވުން އޮންނަ ކޮންމެ ފަހަރު ހުސް ބުޅީގައި ނުގަންނާނެ ކަމަށާއި ހުސް ބުޅި އުސޫލުން މަޖިލީހަށް ހުށަހަޅައިގެން ކަންކަން ކުރިއަށް ނުގެން ދެވޭނެ ކަމަށެވެ.
”އެމްޑީޕީ އަކީ މި ކޯލިޝަން ސަރުކާރުގެ ބައިވެރިއެއް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަލައިގަނެ، އެމްޑީޕީގެ އިތުބާރު އެބަ އޮތް.“ އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުގެ އަދަދު ވަރަށް ސާފު ކަމަށާއި އެހެންކަމުން އެފަދަ ކަންކަން ނުކުރުމަށް އެދޭ ކަމަށެވެ.
އާޒިމްގެ ވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކުރާ ގޮތަށް އެ މައްސަލަ އެޖެންޑާ ކުރަން ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް އިމްރާނަށް މިއަދު ފޮނުއްވާނެ ކަމަށެވެ.

