ބަރުލަމާނީ ނިޒާމް ގެނައުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށައެޅުއްވި އިސްލާހު މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަސް ހުށައެޅި އިސްލާހު ބަލައިނުގައިތުމަށް ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 51 މެމްބަރުންގެ ވޯޓުންނެވެ. ބަރުލަމާނީ ނިޒާމް ގެނައުމަށް ހުށައެޅި އިސްލާހު ބަލައިގަތުމަށް ވޯޓުދެއްވީ އެންމެ މެމްބަރެކެވެ. އެއީ އިސްލާހު ހުށައެޅުއްވި މެމްބަރު ޖާބިރު އެކަންޏެވެ. އިސްލާހު ފާސްކުރުމަށް މަދުވެގެން 27 މެމްބަރުންގެ ވޯޓު ބޭނުންވެއެވެ.
މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީ، އެމްޑީޕީއަކީ ބަރުލަމާނީ ނިޒާމަަށް ތައިޑުކުރާ ޕާޓީއެކެވެ. ޚާއްސަކޮށް ރައީސް ނަޝީދަކީ ބަރުލަމާނީ ނިޒާމަށް ތާއީސުކޮށް ތަކުރާރުކޮށް ވާހަކަދަފުޅުދައްކަވާ ބޭފުޅެކެވެ. އެހެންނަމަވެސް، ބިލުގެ ފުރަތަމަ ކިޔުން އިއްވި ދުވަހުވެސް، މިއީ ބިލު ހުށައަޅަން އެންމެ ރަނގަޅު ވަގުތުނޫންކަމަށް ދެކެވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ރިޔާސަތުގައި އިންނަވާ ވަނީ ވިދާޅުވެފައެވެ.
ބިލުގެ ބަހުސް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، ބަހުސްގެ މަރުހަލާގައި އެމްޑީޕީ މެމްބަރުންގެ ތެރެއިން ބިލަށް ބަހުށްކުރެއްވީ އެންމެ މެމްބަރެކެވެ. އެއީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. މެމްބރު ޖާބިރު އިސްލާހު ހުށައަޅުއްވަމުން ގެންދެވި ވަގުތުވެސް އެކިފަހަރުމަތިން އެކި މެމްބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވާ ބިލަށާއި މެމްބަރު ޖާބިރަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެގޮތުން، މިފަދަ ބޮޑެތި އިސްލާހުތަކަކީ އެންމެ މެމްބަރަކު އެކަންޏަށް ހުށައެޅުއްވޭނެ ވަރުގެ ކަންކަން ނޫންކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި ބޮޑެތި ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރެއްވުން މުހިންމުކަމަށްވެސް ސަރުކާރަށް ތާއިދުކުރައްވާ އަދި އިދިކޮޅު މެމްބަރުންވެސް ވަނީ ވިދާޅުވެފައެވެ.
އިދިކޮޅު މެމްބަރުންގެ ވާހަކައިގައި ވަނީ މިފަދަ ބޮޑެތި ނިންމުތަކަކީ މިހާރު ވެރިކަން ކުރައްވާ އަދި ކުރިން ވެރިކަން ކުރައްވާފައިވާ ބޭފުޅުންނާއި ލީޑަރުންނާއި މަޝްވަރާކުރެއްވުަމށްފަހު ނޫނީ ނުނިންމޭނެ ކަންކަންކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި އޮންނަވަނިކޮށް މިއިސްލާހު މިގޮތަށް ހުށައެޅިގެން ނުވާނެކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވިއެވެ.

