ސަރުކާރުގެ ބޭނުމަކީ ކުށްވެރިން ބޭނުންތެރި ބައެއް ގޮތުގައި މުޖުތަމައަށްނެރުން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްުދުﷲ ވިދާޅުވެއްޖެއެވެ.
ޔޫ.ޕީ.އާރު ވަރކިންގ ގްރޫޕްގެ 36 ވަނަ ބައްދަލުވުމުގައި ތަގުރީރުކުރައްވަމުން އިމްރާން ވިދާޅުވީ އަމާޒަކީ ކުށްވެރިންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިންނާއި، މުޖުތަމައުގައި އިޖުތިމާއީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަގުފަހިކޮށްދިނުން ކަމަށެވެ. އަދި ބޭނުންތެރި ބައެއް ގޮތުގައި ކުށްވެރިން މުޖުތަމައަށް ނެރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ކަރެކްޝަނަލް ސަރވިސްގައި ރިހެބިލިޓޭޝަން އެންޑް ރީއިންޓަގްރޭޝަން ކޮމާންޑް އުފައްދާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެެއިން ކަރެކްޝަންސްގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެެ ތެރޭގައި ޖަލުތަކުގެ އޮޑިޓެއްކޮށް، ޖަލުތަކުގެ ކަންކަން އިސްލާހުކުރުމަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަވެފައިވާކަމަށް ވިދާޅުވިއެވެ. އަދި ޖަލުތަކުގެ ކަންކަން ބަލަހައްޓަން ތިބޭ އޮފިސަރުންނަކީ ނެލްސަން މަންޑޭލާ ރޫލްސްއަށް އަހުލުވެރި ބަޔަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން ނެލްސަން މަންޑޭލާ ރޫލްސް ދިވެހި ބަހަށް ތަރުޖަމާކުރެވި، ކަރެކްޝަން އޮފިސަރުން އެރޫލްސްއަށް އަހުލުވެރި ކުރުމުގެ ތަމްރީންތައް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުންގެ ޚިދުމަތް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ ބިލެއް މަޖިލީހަށް ހުށައެޅިފައިވާކަމަށް ވިދާޅުވިއެވެ. އަދި އިތުބާރު ހިފޭ މުއައްސަސާއެއް ގާއިމްކޮށް އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންއެއް ކަނޑައަޅާފައިވާކަމަށް ވިދާޅުވިއެވެ.

