މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ބައިނަލްއަޤްވާމީ މައިދާނުގައި މީގެ ކުރިންވެސް ހާމަކޮށްފައިވާ ސިޔާސަތު ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު)ގެ ތިންވަނަ ސައިކަލްގައި އިއްޔެ ބޭއްވުނު ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތު ދެއްވި އޯޕަނިންގ ސްޓޭޓްމަންޓްގައި، ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޛުކުރުމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅު ސާފުކޮށްދިނުމުގެ ގޮތުން އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ބައިނަލްއަޤްވާމީ މައިދާނުގައި މީގެ ކުރިންވެސް ހާމަކޮށްފައިވާ ސިޔާސަތެކެވެ. އެގޮތުން ޑިސެންބަރު 2018 ގައި ކުރިއަށްދިޔަ އ.ދ. ގެ 73 ވަނަ ޢާންމު މަޖިލީހުގައި، މަރުގެ ޙުކުމް ތަންފީޛުކުރުން ހުއްޓުވުމާގުޅޭ އ.ދ. ގެ ޤަރާރާ ދެކޮޅަށް ވޯޓު ދިނުމަށްފަހު، މި ސިޔާސަތު ހާމަކޮށްފައިވާކަން އޭޖީގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ އެންޑް ކްރުއަލް، އިންހިއުމަން އޯރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯރ ޕަނިޝްމަންޓްގެ ދަށުން އޮކްޓޫބަރު 2019 ގައި ދިވެހިރާއްޖެއިން ހުށަހެޅި ފޮލޯ-އަޕް ރިޕޯޓުގައިވެސް ދިވެހިރާއްޖޭގެ މި ސިޔާސަތު ހާމަކޮށްފައިވާ ކަމަށް އޭޖީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ޔޫ.ޕީ.އާރު. ގެ ދިވެހިރާއްޖޭގެ ސެޝަންގައިވެސް މަރުގެ އަދަބު އުވާލުމަށް ގާތްގަނޑަކަށް 29 ޤައުމަކުން ގޮވާލާފައިވެއެވެ. އެ ހުށަހެޅުންތަކާމެދު ދިވެހިރާއްޖެއިން ޕޮޒިޝަނެއް ނަގަންޖެހެނީ 14 ޑިސެންބަރު 2020 ގެ ކުރިންނެވެ. ނަމަވެސް ސެޝަން ފެށުމުގެ ކުރިންވެސް ސަރުކާރުން އިޢުލާންކޮށްފައިވާ ފަދައިން، ސެޝަންގައި ދިވެހިރާއްޖެއަށް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ހުށަހެޅުމެއް ދިވެހިރާއްޖެއިން ބަލައެއް ނުގަންނާނެ ކަމަށް އޭޖީ އޯހުން ވަނީ ބުނެފައެވެ.
އޭޖީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޔޫ.ޕީ.އާރު. އަކީ، ރިވިއުގެ ކޮންމެ ސައިކަލްއެއްގައި އެ ޤައުމަކަށް ލިބޭ ރިކޮމެންޑޭޝަންތައް އެ ޤައުމަކުން ތަންފީޛުކޮށްފައިވާ މިންވަރު، ޖެހިގެން އަންނަ ސައިކަލްގައި، ބައިނަލްއަޤުވާމީ މުޖުތަމަޢަށް ތަފްޞީލުކޮށްދޭންޖެހޭގޮތަށް ބައްޓަންކުރެވިގެން ކުރިއަށްގެންދާ ޕްރޮސެސްއެކެވެ.
އެގޮތުން، ޔޫ.ޕީ.އާރު. ގެ މިހާރު މި ކުރިއަށްދާ ތިންވަނަ ސައިކަލްގައި ދިވެހިރާއްޖެއިން ހުށަހަޅަންޖެހެނީ، 2015 ވަނަ އަހަރު ކުރިއަށްދިޔަ ޔޫ.ޕީ.އާރު. ގެ ދެވަނަ ސައިކަލްގައި ދިވެހިރާއްޖެއަށް ލިބުނު ހުށަހެޅުންތައް ތަންފީޛުކުރެވިފައިވާ މިންވަރާއި އޭގެ ފަހުން ލިބިފައިވާ ކުރިއެރުންތަކެވެ.
އެގޮތުން ޔޫ.ޕީ.އާރު. ގެ ދެވަނަ ސައިކަލްގައި ދިވެހިރާއްޖެއަށް ލިބުނު ހުށަހެޅުންތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލައި، ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަރުގެ އަދަބު އުވާލުމަށް 25 ޤައުމަކުން ހުށަހެޅުންތައް ލިބިފައިވެއެވެ. އަދި، ބުދަ ދުވަހު ބޭއްވުނު ރިވިއު ސެޝަންގެ ކުރިން، ޤައުމުތަކުން ދިވެހިރާއްޖެއަށް ފޮނުވާފައިވާ އެޑްވާންސް ސުވާލުތަކުގައިވެސް، ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ޤައުމުތަކަކުން ސުވާލުތަކެއް ކޮށްފައިވާކަން ފާހަގަކުރަމެވެ.
”ކަންމިހެން އޮތުމުން، އިއްޔެ ކުރިއަށްދިޔަ ސެޝަންގައިވެސް، ދިވެހިރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލުމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ގިނަ ހުށަހެޅުންތަކެއް ދިވެހިރާއްޖެއަށް ލިބޭނެކަމަށް ލަފާ ކުރެވުނެއެވެ“ އޭޖީގެ ފޮއީހު ް ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އޭޖީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ދެވަނަ ސައިކަލްގައި ދިވެހިރާއްޖެއަށް ލިބިފައިވާ ހުށަހެޅުންތަކާއި، ބުދަ ދުވަހުގެ ރިވިއު ސެޝަންގެ ކުރިން ލިބިފައިވާ ސުވާލުތަކަށް ބަލައި، ދިވެހިރާއްޖޭގައި މަރުގެ އަދަބު ދިނުމާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސިޔާސަތު ސެޝަންގައި ދިވެހިރާއްޖެއިން ބަޔާންކުރުމަކީ، ކޮންމެހެން މުހިންމުކަމަކަށް ވެގެންދިޔައެވެ. މިކަން އޯޕަނިންގ ސްޓޭޓްމަންޓްގައި ބަޔާންކޮށްފައިއެވަނީ، އެހެން ޤައުމުތަކުގެ ހުށަހެޅުންތައް ދިވެހިރާއްޖެއަށް ލިބުމުގެ ކުރިން، މިކަމުގައި ދިވެހިރާއްޖޭގެ ސިޔާސަތު ބައިނަލްއަޤުވާމީ މުޖުތަމަޢަށް ސާފުކޮށް ހާމަކޮށްދިނުމުގެ ގޮތުންން ކަމަށް އޭޖީގެ ބަޔާނުގައި ބުނެފައިވެއެވެ.
އޭޖީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި މަރުގެ އަދަބު ދެވޭގޮތަށް އޮންނަނީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވެފައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު އެއްވެސް ޤާނޫނެއް އެކުލަވައިނުލެވޭނެކަމަށް ބަޔާންކޮށްފައިވާތީއެވެ. ވުމާއެކު، އެޓަރނީ ޖެނެރަލްގެ އެ ވާހަކަފުޅަކީ ދިވެހިރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލުން، އެއީ މުސްތަޙީލުކަމެއްކަން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ސާފާކޮށްދެއްވުމަށް ދެއްކެވި ވާހަކަފުޅެއް ކަމަށް އޭޖީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެއިތުރުން ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމަކަށްވެފައި، އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު ކަންކަމަށް ދިވެހިރާއްޖޭގައި ޖާގަ ދެވިގެން ދިއުމަކީ ރައްޔިތުން ބޭނުންވާނެ ކަމެއް ކަމަށް ނުވާތީ، ދިވެހިސަރުކާރުގެ މަރުގެ އަދަބާގުޅޭ ސިޔާސަތަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫންއަސާސީ އާއި ޤާނޫނުތަކުގައި ބިންވަޅު ނެގިފައިވާގޮތް ކަމަށް ވެސް އޭޖީގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

