އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއަށް އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިޔަން ޑޮލަރު ހަވާލުކުރުމުގެ އެގްރީމެންޓުގައި ސޮއިކުރަން ހަމަޖެހިއްޖެއެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ބުނީ މާލެ ކަނެކްޓިވިޓީ މަޝްރޫއަށް ޚަރަދުކުރުމުގެ ބައެއްގެ ކަމުގައިވާ 100 މިލިއަން ޑޮލަރުގެ ގްރާންޓް އެގްރީމެންޓެއްގައި ދިވެހި ސަރުކާރާއިއެކު ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި ސޮއިކުރާނެ ކަމަށެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫޢަށް އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި މިދިޔަ މަހުގެ ތެރޭގައިވަނީ ސޮއިކޮށްފައެވެ.
އެ ލޯނަކީ 1.7 ޕަސެންޓްގެ އިންޓަރެސްޓާއެކު ފަސް އަހަރުގެ ގްރޮސް ޕީރިއަޑެއް ހިމެނޭ ގޮތަށް 20 އަހަރުން އަހަރުން އަނބުރާ ދައްކަންޖެހޭ ލޯނެކެވެ.
6.695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫޢު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫއު ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

