އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ހުށައެޅުމަށް މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޖެންޑާކޮށްފިއެވެ.
2021 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު މަޖިލީހަށް ފޮނުވާފައިވަނީ އޮކްޓޫބަރު މަހުގެ ފަހުކޮޅުގައެވެ. މިހިނގާ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަޖެޓަށް ބަހުސްކުރުމުގެ މަސައްކަތް ފަށާނީ މިމަހުގެ 16ގައި ކަމަށެވެ. އަދި ކޮންމެ މެމްބަރަކަށްވެސް ބަޖެޓަށް ބަހުސްކުރުމަށް 15 މިނެޓު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ބަޖެޓުގެ މަސައްކަތް ލަސްކަމެއްނެތި ކުރިއަށްދާނެ ކަމަށާއި ޑިސެމްބަރު މަހުގެ ކުރީކޮޅު ބަޖެޓުގެ މަސައްކަތްތައް މަޖިލީހުން ނިންމާލެވޭނެކަމަށްވެސް ވިދާޅުވިއެވެ.
މާލިއްޔަތު ގާނޫނުގައިވާ ގޮތުން ކުރިއަށްއޮތް އަހަރު ފެށުމުގެ ދެމަސް ކުރިން މަޖިލީހަށް ބަޖެޓު ހުށައަޅަން ޖެހޭނެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އަންނަ އަހަރަށް މަޖިލީހުން ފާސްކުރަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
2020 ވަނަ އަހަރަށް ފާސްކޮށްފައިވަނީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންނަމަވެސް، ކޮވިޑް-19އާއި ގުޅިގެން ފަތުރުވެރިކަން ހުއްޓުމާއި އިގްތިސާދީ ހާލަތު ދަށަށް ދިޔުމުގެ ސަބަބުން ރިވައިޒްޑް ބަޖެޓެއް ހުށައަޅާނެކަމުގެ ވާހަކަތަކެއް ފިނޭންސް މިނިސްޓަރ ވަނީ ދައްކަވާފައެވެ. އެހެންނަމަވެސް، 2021 ވަނަ އަހަރުގެ ބަޖެޓު ހުށައެޅުމާއި ހަމައަށް ދިޔައިރުވެސް ރިވައިޒްޑް ބަޖެޓެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

