ކްރިމިނަލް ކޯޓުގައި ހިންގާ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތަކާއި ގުޅޭ މައުލޫމާތު ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގައި ބަންދާ މެދު ގޮތެއް ނިންމުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކަށް ފަނޑިޔާރުން ހަމަޖެއްސުމުގައި އަމަލުކުރާ އުޞޫލާއި، އެ މަޖިލިސްތައް ޝެޑިއުލްކުރުމާއި، އެޝެޑިއުލާ އެއްގޮތަށް ޝަރީއަތަށް ޙާޒިރުވުމަށް ފަނޑިޔާރުން އުޒުރުވެރިވާ ހާލަތްތަކުގައި ފަނޑިޔާރުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ގޮތުގެ މައުލޫމާތު ހޯދުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.
މީގެއިތުރުން ބަންދާ މެދު ގޮތެއް ނިންމާ މަޖިލިސްތަކަށް ހަމަޖެހިފައިވާ ފަނޑިޔާރުން ބަދަލުކުރުމުގައި ޢަމަލުކުރާގޮތުގެ އުޞޫލާ ގުޅޭ މަޢުލޫމާތު ހޯދައި ދިރާސާކުރުމަށްވެސް ޖޭއެސްސީން ވަނީނިންމާފައެވެ.
ޖޭއެސްސީން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވި ޢައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ކްރިމިނަލް ކޯޓުގައި ބައްލަވާ ފަނޑިޔާރު ފަނޑިޔާރު ހަސަން ސައީދު އެ މައްސަލައިން ތަނޫޒުލްވެފައި ވަނިކޮށެވެ. އަދި ފަނޑިޔާރު ހަސަން ސައީދު މައްސަލައިން ތަނާޒުލްވި މައްސަލަ އާޒިމާގެ ފަރާތުން ވަނީ ހައިކޯޓަށް ހުށަހަޅާފައެވެ.
އާޒިމާގެ ވަކީލުން ބުނެފައިވަނީ މައްސަލައިން ފަނޑިޔާރުން ތަނާޒުލްވެ ވަޑައިގެންފައިވަނީ ގާނޫނާއި ގަވައިދުތަކާއި ބޭރުން ކަމަށެވެ. އަދި މި މައްސަލަ ކުރިމިނަލް ކޯޓުން ބަލައިގެންފައިވަނީ ވެސް ގާނޫނީ އުސޫލުގެ ބޭރުން ކަމަށެވެ. މައްސަލަތަކުން ތަނާޒުލްވުމަށް ވަކި އުސޫލުތަކެއް ކަނޑައެޅިފައި އޮންނައިރު އޭގެ ބޭނުނަކީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް މިނިވަންކަމާއި އެކު ވަކި ފަރާތަކަށް ބުރަ ނުވެ މައްސަލަތައް ކުރިޔަށް ގެންދިއުން ޔަގީން ކަމަށް ވަކީލުންގެ ބަޔާނުގައި ވެއެވެ.

