މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެންތަކުގައި ކޮޅުފައިން ނުޖެހުމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ގަައުމާއި މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންނަ އަހަރު މާލެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން ޚާއްސަ މަޝްރޫއެއް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފައެވެ.
މިވާހަކަތަކާއި ގުޅިގެން މުއިިއްޒު ވިދާޅުވީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެންތަކުގައި ކޮޅުފައިން ނުޖެހުމަށް އެދިވަޑައިގެންފައެވެ. އަދި ހުޅުމާލޭ ފޭސް ދޭއްގެ ބިންކޮޅު މުއްސަނދި މަދުބަޔަކަށް ވިއްކާ ހުސްކޮށްލުމުގެ ބަދަލުގައި ނިކަމެތި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ބިންކޮޅު ލިބޭނެގޮތް ހެއްދެވުމަށް ވަނީ އެދިވަޑައިގެންފައެވެ.
Gulhifalhuga port hedhun adhives huttaaleveyne. Male rayyithunnah heyo edheynama RY verikamuga nimmaafa oi gothah thilafuttah badhalu kuravvaa Gulhufalhakee boahiyaavahikamah khaassa thanakah hahdhavan sarukaarah aadheyhaa eku govaalan. Adhi Hulhumale ph 2 ge bin…(1/2)
— Dr Mohamed Muizzu (@MMuizzu) November 11, 2020
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތިލަފުށީގައި ޕޯޓު އެޅުމަށް ނިންމެވި ނިންމެވުމާއި ދެކޮޅަށް ގުޅިފަޅަށް ޕޯޓު ބަދަލުކުރުމަށް މިސަރުކާރުން ނިންމާފައިވާތީ، އެކަމަށް ފާޑު ވިދާޅުވަމުން މުއިއްޒު ވިދާޅުވީ، ގުޅިފަޅުގައި ޕޯޓު ހެދުންވެސް ހުއްޓާލެވޭނެ ކަމަށެވެ. އަދި މާލޭ ރައްޔިތުންނަށް ހެޔޮ އެދޭނަމަ ރައީސް ޔާމީންގެ ވެރިކަމުގައި ނިންމާފައި އޮތްގޮތަށް ތިލަފުއްޓަށް ބަދަލުކުރުމަށް ގޮވާލެއްވިއެވެ. ކުރިން ރާވާފައިވާ ގޮތަށް ގުޅިފަޅަކީ ބޯހިޔާވަހިކަމަށް ޚާއްސަކުރެވިފައިވާ ރަށަކަށް ހެދުމަށް ގޮވާލެއްވިއެވެ.
މިސަރުކާރު ވެރިކަމަށް އައުމަށް ކުރި ކެމްޕެއިންތަކުގައި އެންމެ ގަދަޔަށް ދެއްކި އެއް ވާހަކައަކީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމާއި ހިތްފަސޭހަ މާލެއެއް ހޯދައިދޭނެކަމަށް ބުނެ ދެއްކި ވާހަކަތަކެވެ. އެހެންނަމަވެސް ކުރި ވައުދުތަކާއި އެއްގޮތަށް އެކަންކަން ވަމުންނުދާކަމަށް ފާހަގަކޮށް އިދިކޮޅު ކޯލިޝަނުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އެގޮތުން، ވެރިކަމުގެ ފަސް އަހަރު ނިނުމުގެ ކުރިން ބޯހިޔާވަހިކަން ނެތް އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް ވައުދުވެވަޑައިގެންފައިވެއެވެ. އަދި ހުޅުމާލޭގައި 900 އަކަފޫޓުގައި 3 ކޮޓަރީގެ އެޕާޓްމަންޓެއް އަޅައި، އެތަންތަން 9،000 ރުފިޔާއަށް ދޫކުރާނެކަމަށް ވިދާޅުވިއެވެ. އަދި މިފްލެޓުތަކުގައި އާމްދަނީއެއް ނުލިބޭ މީހުންނަށް އާމްދަނީއެއް ލިބޭނެގޮތެއްވަންދެން ހިލޭ ބޯހިޔާވަހިކަން ލިބޭނެކަމަށާއި، ލިބޭ އާމްދަނީއިން ކުލި ނުދެއްކޭ މީހުންނަށް ސަރުކާރުން އެހީވެދޭނެކަމަށް ވިދާޅުވިއެވެ. އަދި މިފްލެޓްްތަކުން ފްލެޓް ގަންނަން ބޭނުންވާ މީހުންނަށް އެފުރުސަތުވެސް އޮންނާނެކަމަށް ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް، ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުމަށް މިހާތަނަށް މާބޮޑު މަސައްކަތެއް ކުރެވިފައިނުވާއިރު، ހުޅުމާލޭގައި 4000 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއެއްވެސް ވެރިކަމާއި ހަވާލުވެވަޑައިގަތުމަަށްފަހު އިއުލާންކުރައްވައި 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފަށާނެކަމަށްވެސް ވިދާޅުވެފައިވެއެވެ. މީގެތެރެއިން، 1700 ހައުސިންގ ޔުނިޓުގެ ބިންގާ މިއަހަރުގެ މާޗް މަހު އަޅާފައިވީނަމަވެސް، މިމަސައްކަތަށް ލިބުނު ކުރިއެރުމުގެ މައުލޫމާތެއް މިހާތަނަށް މީޑިޔާތަކާއި ހިއްސާކޮށްފައެއް ނުވެއެވެ.

