ދައުލަތުން އަންނަ އަހަރަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވެސް (އެޗްއާރްސީއެމް) އަށް ކަނޑައަޅާފައިވާ ބަޖެޓާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން އެޗްއާރްސީއެމްގެ މެންބަރު މޫމިނާ ވަހީދު ވިދާޅުވީ އެޗްއާރްސީއެމްއަށް ކަނޑައަޅާފައިވާ ބަޖެޓުން އެ ކޮމިޝަނަށް ގާނޫނުން ލާޒިމް ކުރާ ބައެއް ކަންކަން ނުކުރެވޭނެ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށް ވިދާޅުވިއެވެ.
މޫމިނާ ވިދާޅުވީ ގާނޫނުން އެޗްއާރްސީއެމްއަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމާއި އެހެނިހެން ކަންކަމަށް މ 39 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާނެ ކަމަށެވެ.
އެ އަދަދު ބޭނުންވިޔަސް ބަޖެޓްގެ ސީލިންއަށް ފެއްތުމަށް ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ފަހު 30 މިލިއަން ރުފިޔާއަށް ބަޖެޓު ކުޑަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ބަޖެޓު ފާސްވިއިރު އެޗްއާރްސީއެމްއަށް 24 މިލިއަން ރުފިޔާގެ ބަޖެޓެއް ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މޫމިނާ ވިދާޅުވީ 24 މިލިއަން ރުފިޔާ އަކީ ހަމައެކަނި މުއައްޒަފުންނަށް މުސާރަ ދީފަ އިދާރާގަ ރެންޓު ދައްކާފަ ތިބެންޖެހޭވަރުގެ އަދަދެއް ކަމަށާއި އެއީ އެކަންވެގެންވާނެ ގޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.
އެޗްއާރުސީއެމްއަށް ލިބިފައިވާ ބަޖެޓުން މުއައްޒަފުންގެ މުސާރަ އާއި އިދާރީ ކަންކަމަށް ހަރަދު ކުރުމަށް ފަހު ޕްރޮގްރާމްތައް ހިންގުމަށް ލިބެނީ ފަސް މިލިއަން ރުފިޔާ ކަމަށް މޫމިނާ ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން އެ ކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާތައް އަދާ ނުކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުއުމިނާ ވިދާޅުވީ އަތޮޅުތެރޭގެ ރައްޔިތުންނާ ހިސާބަށް އެ ކޮމިޝަނުން ދާން ބޭނުންވި ނަމަވެސް އެކަންކަމަށް ބޭނުން ވާ ބަޖެޓު ނެތް ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި ކޮމިޝަނުގެ މައްޗަށް ގެއްލިފައިވާ އިތުބާރު ހޯދުމަށް ގިނަ މަސައްކަތްތައް ކުރުމަށް ކޮމިޝަނުން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ވިސިލް ބްލޯ ގާނޫނުގެ ދަށުން ގިނަ މަސައްކަތްތަކެއް އެޗްއާރްސީއެމް އިން ކުރަން ޖެހޭއިރު، އެ ޔުނިޓުގައި މިހާރު އެއްވެސް މުއައްޒަފެއް ނުހުންނަ ކަމަށާއި ގާނޫނުގައި ބުނާ މިންވަރަށް އެ މަސައްކަތް ހިންގުމަށް އެ ޔުނިޓަށް މަދުވެގެން އަށް މުއައްޒަފުން ބޭނުންވާ ކަމަށް މޫމިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޖަލުތަކަށާއި މީހުން ބަންދު ކޮށްފައި ތިބޭ މަރުކަޒުތަކަށް ޒިޔާރަތް ކުރުމުގެ އިތުރުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި، އެކި އެކި ދިރާސާތައް ކުރުން ހިމެނޭކަން މޫމިނާ ވަނީ ފާހަގަކުރައްވާފައެވެ.
އައްޑޫގައި ހުންނަ އެ ކޮމިޝަންގެ އޮފީހުގެ އިމާރާތުގެ ކުއްޔަށްވެސް މަހަކު 162000 ހަރަދުވާ ކަމަށް މޫމިނާ ވިދާޅުވިއެވެ. އަދި މާލޭގައި ހުންނަ އޮފީހަށް ކުލީގެ ގޮތުގައި މަހަކު 144،000 ރުފިޔާ ދައްކައެވެ. އޮފީސް އެހެން ތަނަކަށް ބަދަލުކުރަން ބަލާއިރު، ދެން ލިބެން ހުރި ތަންތަނުގެ ކުލި އެއަށްވުރެވެސް ދެގުނަ އިތުރު ކަމަށް މޫމިނާ ވިދާޅުވިއެވެ.

