ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ލީޑަރު ޝެއިޚް އިމްރާން އަބްދުﷲގެ ޖިންސީ ގޯނާ ލިބުނުކަމަށް ބުނާ އަންހެނަކު މަގުމަތިން މިނިސްޓަރ އިމްރާނަށް ބަހުގެ ހަމަލާތައް އަމާޒުކުރާ ވީޑިޔޯއެއް އާންމުވެއްޖެއެވެ.
ވީޑިޔޯގައި ފެންނަނީ ސައިކަލުގައި ދުއްވާފައި ދިޔަ އަންހެނަކު، މިނިސްޓަރު އިމްރާން ޕޭވްމަންޓްމަތިން ހިންގަވާފައި ދަނިކޮށް، ސައިކަލު މަޑުކޮށްލައި ބަހުގެ ހަމަލާތަކެއް އަމާޒުކުރަމުންދާ މަންޒަރެވެ. އެބަގުތު މިނިސްޓަރުގެ އަރިހުގައި ބޮޑީގާޑަކާއި އިތުރު އެހެން މީހަކު މިނިސްޓަރާއެކު ހިނގާފައި ދާ މަންޒަރު ފެނެއެވެ. އެހެންނަމަވެސް، މިއީ މިއަދު ހިނގައިދިޔަ ކަމެއްކަން އަދި އެއަންހެން މީހާ މިނިސްޓަރާއި ދިމާލަށް ކިޔަނީ ކީކޭކަން ވީޑިޔޯގައި ސާފެއް ނުވެއެވެ.
މި ވީޑިޔޯގެ ފަހަތުގައި އެެ އަންހެން މީހާކަމަށް ބެލެވޭ މީހަކު މިނިސްޓަރ އިމްރާން، އޭނާއަށް ކުރިކަމަށް ބުނާ ގޯނާގެ ވާހަކަތައް ވަނީ ކިޔައިދީފައެވެ. އެގޮތުން އެ އަންހެން މީހާއަށް އިސްތިހާރާ ނަމާދު ކުރާގޮތް ކިޔައިދިނުމަށް ކަމަށްބުނެ ޕާޓީގެ އޮފީހަށް އައުމަށް ދައުވަތު ދިންކަމަށާއި އަދި އެއަށްފަހު އަންހެން މީހާއަށް ތަދުވާފަދަ ގޮތަކަށް އޭނާއާ މެދު ކަންތައް ކޮށްފައިވާކަމަށް އަންހެން މީހާ ކިޔައިދެއެވެ.
ސައިކަލުގައި ދުއްވާފައިދާ އަންހެން މީހާގެ މޫނުވެސް އަދި ވާހަކަ ކިޔައިދޭ މީހާގެ މޫނުވެސް ވީޑިޔޯއަކުން ނުފެނެއެވެ.
މިނިސްޓަރ އިމްރާންގެ މިފަދަ މައްސަލައެއް މިއަހަރު ކުރީކޮޅުވެސް ފެންމަތިވިއެވެ. އެހެންނަމަވެސް، އެކަމަށް މާބޮޑު އަޅާލުމެއް ތަހުގީގީ އިދާރާއަކުން ދީފައިނުވެއެވެ.
އެއަށްފަހު ސަފާރީގައި ހިނގި ރޭޕް ކޭސްއާއި ގުޅިގެން މިނިސްޓަރ އިމްރާން ދެއްކެވި ވާހަކަތަކާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. އެގޮތުން، އެއަމަލަކީ ރޭޕްގެ އަމަލެއް ނޫންކަމަށް ދޭހަވާފަދަ ގޮތަކަށް އަދި އެއީ ކޮންމެތަނެއްގައިވެސް ހިނގާފާނެފަދަ ކަމެއްކަމަށް އިމްރާން ވިދަޅުވުމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.
މިފަދަ މައްސަލަތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައެވެ. އެހެންނަމަވެސް، އިމްރާނަށް އިތުބާރު އެބައޮތްކަމަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ، އެމްޑީޕީއިން ވޯޓު ދިނުމާއި ގުޅިގެން އިމްރާން އަދިވެސް ހުންނެވީ ހޯމް މިނިސްޓަރުކަމުގެ މަގާމުގައެވެ.

